23 Jul 2023, 23:13
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަން ޕްރައިމަރީއަށް ނަން ހުށަހަޅުއްވާފައިވާ ހަމައެކަނި ކެންޑިޑޭޓު ކަމަށްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާނެ އެއްވެސް ގޮތެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ގިނަ ވޯޓުތަކެއް ޑިމޮކްރެޓްސްއިން ނަގާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އެކަން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ސެޕްޓެމްބަރު ނުވައެއްގެ ނަތީޖާ ދަންނަވަން އަދި އަވަސް. އެހެންނަމަވެސް އިލްޔާސް ލަބީބު ދެވަނަ ބުރަކަށް ނުދާނެ ހަމަ އެއްވެސްގޮތެއްވެސް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްކަމުން ވަކިވި ނަމަވެސް ނަޝީދު ވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި އެމްޑީޕީގެ މެމްބަރުންނަށް އޮތް ލޯބި ފާޅުކުރައްވައިފައެވެ. އެގޮތުން އެމްޑީޕީ މެމްބަރުންދެކެ ވާ ލޯބި އަބަދުވެސް ވާނެ ކަމަށާއި އެ މެމްބަރުންނާއި އެކު އޮންނަ ގާތްކަން އަބަދުވެސް އެގޮތުގައި ބާއްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ލޯބިވާ އެމްޑީޕީ މެމްބަރުންދެކެ ވަރަށް އިހުތިރާމާއެކު އެދެނީ ވަޑައިގަންނަވާށޭ، މިހާރު ތި ތިއްބެވި ތަނުގައި އެއްވެސް ބޭފުޅަކު ނުހުންނަވާ ވަޑައިގަންނަވާށޭ. އަޅުގަނޑު މެން ދެވަނަ ބުރަށް ގެންދިޔުމުގައި ތިބޭފުޅުންގެ ހިއްސާ އަޅުގަނޑު ވަރަށް ބޭނުންވޭ. އަޅުގަނޑަށް ޔަގީން ތިބޭފުޅުން އަޅުގަނޑުމެން އެންމެނާއިއެކު އިލްޔާސް ލަބީބު ދެވަނަ ބުރަށް ނެގުމަށް ވަޑައިގަންނަވާނެ." ނަޝީދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ހަރުގެ ޖަލްސާ--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ނަޝީދު އިތުރަށް ވިދާޅުވީ، ފެނާއި ނަރުދަމާއާއި ބަނދަރު ހެދުމާއި ފުޓްސަލް ދަނޑު އެޅުމާއި އެފަދަ އެހެނިހެން މަޝްރޫޢުތައް ރަށް ރަށުގައި ބޭނުން ކަމަށާއި އެހެންނަމަވެސް ރާއްޖެއަށް ބޭނުންވާ ކުރިމަގަކީ އެއީ ނޫން ކަމަށެވެ. ރާއްޖޭގެ ކުރިމަގަށް ބެނުންވަނީ އިލްމީ، ގާބިލް އަދި ޒުވާން ވެރިކަމެއް ކަމަށާއި ދިވެހިރާއްޖެ ގޮވަނީ އެފަދަ ވެރިކަމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަމަކީ ޒުވާން ދުވަސްވަރު ކޮށްދެވޭނެ ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ، އެމަނިކުފާނު ރާއްޖޭގެ ވެރިކަން ކުރެއްވީ ވެސް އިލްޔާސް މިހާރު ހުންނެވި އުމުރުގައި ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ކުރެވޭނީ ޒުވާން ޚިޔާލުތަކާކު އެ ޖޯޝާއި އިލްމު ހުރެ ތަންދޮރު ދަންނަ ފަރާތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުފައްދާފައި ވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ރައީސް ޞާލިޙާއި ނަޝީދާ ދެމެދު ދެބަސްވުން އުފެދުމާއެކު އެމްޑީޕީ ތެރޭގައި އުފެދުނު ދެ ފެކްޝަންގެ ތެރެއިން، ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން ޕާޓީން ވަކިވުމަށް ފަހުގައެވެ.
އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހަމަވެފައިވާއިރު، އެ ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން އެންމެ މީހަކު ކުރިމަތިލީ ކަމުގައިވީ ނަމަވެސް އާންމު މެމްބަރުންގެ ތެރެއަށް ވޯޓަކަށް ދާން ޖެހެއެވެ. އެ ކަމުގެ ތަފްސީލް ފަހުން ހާމަކުރާނެކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއާއި ޖޭޕީއާއި އެމްއެންޕީއިން އެއް ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީތަކުން ވަނީ މިދިޔަ ހަފުތާގައި ނިންމާފައެވެ. އެމްޑީޕީއިން މިހާތަނަށް ކޯލިޝަން ހަދާފައި ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކުގައެވެ.