ވަޒީފާއިން މުސްކުޅި ކުރުމުން އަލުން ވަޒީފާ ހޯދުމަކީ ރާއްޖޭގައި އުނދަގޫ ކަމެއްކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ވަޒީފާއިން މުސްކުޅި ކުރާ މީހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭނޭކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދިން "ނާޒިމަށް ސުވާލެއް" ޕްރޮގްރާމުގައި ވާހަކަ ނާޒިމް ވިދާޅުވީ، ވަޒީފާއިން މުސްކުޅި ކުރުމުން ލިބޭ އެލަވަންސުން ދެކޮޅު ނުޖެހި، ދެވަނަ ފަހަރަށް ވަޒީފާ އަދާކުރަން ނިކުންނަ މީހުން އިތުރު ވަމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ދިރިއުޅުމުގެ ޚަރަދުތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާއިރު، މިއީ ރާއްޖޭގައި ކުރިއަށްއޮތް ތަނުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭނޭ މައްސަލައެއް ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާއިން މުސްކުޅި ކުރާ މީހުންނަށް އަދާކުރާނޭ ވަޒީފާ ނުލިބުމުގެ މައްސަލަ ކަމަށާއި، މިއީ އެނާގެ ވެރިކަމެއްގައި ޙާއްޞަ އިސްކަމެއް ދޭނޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"55 އަހަރުވެ، ރިޓަޔާކުރާ މީހުން އަދާކުރާނެ ވަޒީފާއެއް ނެތުމުގެ މައްސަލަ ބޮޑު. ރިޓަޔަކުރާ މީހުންނަށްވެސް ވަޒީފާ އަދާކުރެވެން ޖެހޭނެ. މިސާލަކަށް ރިޓަޔާކުރާ މިލިޓަރީ މީހުންނަށް ބޭރުގެ މިޝަންތަކުން ވަޒީފާ ދެވިދާނެ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކާނަލް މުޙައްމަދު ނާޒިމް، ސަންގް ޓީވީގެ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ---

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ސަރުކާރުގެ މެޖޯރިޓީ ޙިއްޞާ އޮންނަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ބިދޭސީން ތިބޭ ތިބުމުގެ އުސޫލުވެސް ބަދަލު ކުރައްވާނޭކަމަށް ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ، ގައުމީ ބޭންކް ފަދަ މުހިންމު ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި ބިދޭސީން ތިބުމުގެ މާނައެއް ނެތްކަމަށާއި، މީގެ ކުރިން އެފަދަ ކުންފުނިތައް ހިންގުމުގެ އެންމެ އިސް މަގާމުތައް ފުރަމުން އައިސްފައިވަނީ ދިވެހިންކަމަށެވެ.

އެމްއެންޕީގެ ވެރިކަމެއްގައި ބޭސްފަރުވާގެ ޔަގީންކަން ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނޭކަމުގެ ޔަގީންކަން ދެމުން ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސިންގަޕޫރަށް ގޮސް ބޭސްފަރުވާ ކުރެވޭއިރު، އާދައިގެ ރައްޔިތު މީހާއަށްވެސް އެކަން އޮންނަންވާނީ އެގޮތަށް ކަމަށެވެ. އެމްއެންޕީން ގަބޫލުކުރާ ހަމަޔަކީ އެއީކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވަން ރަސްމީ ސިފައެއްގައި އިލެކްޝަންސް ކޮމިޝަނަށް އަދި މިހާތަނަށް ފޯމު ހުށަހަޅުއްވާފައި ނުވި ނަމަވެސް އެމްއެންޕީ އުފެއްދީ ރިޔާސީ އިންތިޚާބަށް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މަގާމުގެ ހުވާ ކުރައްވާނޭކަމަށް ނާޒިމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ދާދި ފަހުން ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައި، ތިން ބޭފުޅުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައެވެ.