23 Jul 2023, 17:56
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނު ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ފާރިސް އިންތިޚާބަށް ކުރިމަތިލައްވާނެކަން، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވަނީ 'ސަން'އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އެމްއާރްއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން އިލްކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލުމަށް މީގެ ކުރިން ނިންމައިފައެވެ.
އަލީމް ވިދާޅުވީ އިންތިޚާބުގައި ފާރިސް ވާދަކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ ޕާޓީއަށް މިވަގުތު އޮތް ހުރަހަކީ އިސީ ކަމަށް އަލީމް ވިދާޅުވިއެވެ.
އެހެންނަމަވެސް ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރުމުމުގެ ފުރުސަތު ނުލިބިއްޖެ ހާލަތުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ވެސް ނިންމާފައިވާ ކަމަށް އަލީމް ވިދާޅުވިއެވެ.
އެމްއާރްއެމް އުވާލަން އީސީން ނިންމުމާ ގުޅިގެން އެ ޕާޓީން ވަނީ އެއީ ކޮރަޕްޓް ނިންމުމެއް ކަމަށް ބުނެފައެވެ. އަދި އެމްއާރްއެމް އުވައިލަން ނިންމުމުން ދޭހަވަނީ ގައުމުގައި ކޮރަޕްޝަން އޮތް މިންވަރު ކަމަށާއި، ގާނޫނީ ބާރު ހިންގުމަށް ސަރުކާރު 'ނުކުޅެދިފައި' އޮތް މަންޒަރު އެކަމުން ހާމަވާ ކަމަށް ވެސް އެ ޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ.
އީސީއިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ވަނީ މެއި މަހުގެ 28ގައި ނިންމާފައެވެ. އެ ނިންމުން މުރާޖައާ ކުރަން އީސީން އެދުމުން، މުރާޖައާ ކޮށްދެވެން ނެތް ކަމަށް ވެސް އެ ކޯޓުން މިދިޔަ މަހު ވަނީ ނިންމައިފައެވެ.
އެހެންކަމުން، ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އީސީން އެމްއާރުއެމް އުވާލަން ނިންމި ނިންމުމަށް އަމަލެއް ނުކުރެވޭނެއެވެ.