04 May 2012, 17:07
ހުޅުމާލޭ ފެރީ ޓާމިނަލްގައި ޕޮލިސް ޕޯސްޓެއް ޤާއިމް ކޮށްދިނުމަށް ހުޅުމާލޭ ކްރައިމް ޕްރިވެންޝަން ކޮމިޓީން ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރުފަހު ކޮމިޝަނާ ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި ހުޅުމާލޭ ކްރައިމް ޕްރިވެންޝަން ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ހުޅުމާލޭ ފެރީ ޓާމިނަލްގައި ޕޮލިސް ޕޯސްޓެއް ޤާއިމް ކޮށްދިނުމަށާއި ފުލުހުންގެ ޢަދަދު އިތުރު ކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި ކުށް މަދުކުރުމަށް ދެފަރާތް ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާއިރު، އެ ކޮމިޓީން ކަންބޮޑުވާ ކަންތައްތައް ވެސް ކޮމިޝަނާއާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމިޝަނާ ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ ބައްދަލުކޮށް، ޙާލަތު ވަކިވަކިން ބައްލަވައި ދިމާވާ ދަތިތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މަސައްކަތް ކުރުމުގައި ތަފާތު ނުކުރުމަށާއި ޕްރޯ އެކްޓިވްކޮށް މުޖްތަމައާ ގުޅިގެން މަސައްކަތް ކުރުމަށާއި ޕެޓްރޯލް ކުރުމުގެ އިތުރުން އެކި އުމުރުފުރާ ތަކާ ގުޅޭ ކްރައިމް ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
ކޮމިޝަނާ ރިޔާޒް ވަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެގޮތުން އާބާދީ އިތުރުވަމުންދާ މިންވަރުން ފުލުހުންގެ މަސައްކަތް ހުޅުމާލޭގައި އިތުރު ކުރުމަށާއި ކުށްމަދު ކުރުމުގެ ގޮތުން ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އަދި ހުޅުމާލޭގައި ފުލުހުންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތާބެހޭ މަޢުލޫމާތު ހުޅުމާލޭ ކޯޕަރޭޝަންގެ އިސްވެރިންގެ އަރިހުން ވެސް ރިޔާޒް އޮޅުންފިލުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.