ފުލުހުންގެ ''އަމާން ވެށި'' ޕްރޮގްރާމާ އެމްޕީއެލް ގުޅިއްޖެ
ފުލުހުންގެ ''އަމާން ވެށި'' ޕްރޮގްރާމާ އެމްޕީއެލް ގުޅިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުން ޒުވާނުންގެ މެދުގައި ކުށް މަދު ކުރުމަށް ކުރިއަށް ގެންދާ "އަމާން ވެށި" ޕްރޮގްރާމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ގުޅިއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެކަމަށްޓަކާ ޚާއްސަކޮށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ރަޝީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.

އެއްބަސްވުމަށް ފަހު ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މިއީ ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގަ އެކި ހިސާބުތަކުގައި ހިނގާ ގިނަ ކުށްތައް އިތުރުވުމުގެ އެންމެ ބޮޑު ހައްލެއް ކަމަށް އަޅުގަނޑުމެންނަށް ވެސް މި ފެނުނީ އަންނަން އޮތް ޖީލުތަކަށް ކްރައިމް ޕްރެވެންޓިން މިޝަންއަށް ދޭން ޖެހޭ އެވެއާނަސްއާ އަދި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައިގެން އެކުދިންގެ ތަރުބިއްޔަތު ރަނގަޅުކޮށްގެން ކަމަށް،" އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ސަބަބުން މުސްތަގުބަލުގައި ކުށްތައް މަދު ވާނެކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ހުރިހާ ކަމެއްގައި ވެސް އާންމު ރައްޔިތުންގެ މަސްލަހަތައް އިސްކަން ދޭކަމަށެވެ. އަދި މި ޕްރޮގްރާމާ އެމްޕީއެލް އިން ގުޅުމުން އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ ރަށެއްގައި ސްކޫލު ކުދިންނަށް ޚާއްސަކޮށް ޕްރޮގްރާމްތައް ހިންގައެވެ.