ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާ ބައްދަލުކުރަން މާފުއްޓަށް ދިޔަ ލޯޔަރުންގެ ޓީމަކަށް ހުރަސް އަޅައިފިކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

މިކަމާ ގުޅިގެން ޕީޕީއެމް އިން ކުރި ޓްވީޓެއްގައި ވަނީ، ޔާމީންގެ ލޯޔަރުންގެ ޓީމުން މާފުއްޓަށް ދިޔައީ އެ މަނިކުފާނާ ބައްދަލު ކުރަން, ކަރެކްޝަނުން ހުއްދަދީ ވަގުތު ދިނުމުން ކަމަށެވެ.

ނަމަވެސް، އެ މީހުން މާފުއްޓަށް ދިޔުމުން ޔާމީނާ، ލޯޔަރުން ބައްދަލުކުރަން ފުރުސަތު ނުދީ، އެ ބައްދަލުވުމަށް ހުރަސް އަޅާފައި ވާކަމަށް އެ ޓްވީޓުގައި ވެއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގެ އިސް ލޯޔަރު އަދި ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް ވެސް ވަނީ ޔާމީނާ ބައްދަލުކުރަން ފުރުސަތު ނުލިބުނު ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްއިން ބުނީ ޔާމީންގެ ވަކީލުން ބައްދަލުވުމަށް ގެނައި ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހަދާފައި ވާތީ ބައްދަލުވުން ކެންސަލް ކުރީ ކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ދަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވުމާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެތައް ދުވަހެއްގެ މަތިން ހައިކޯޓަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ވަނީ ގޮސްފައެވެ.