04 May 2012, 16:51
އޭދަފުށީގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ ގުޅުން ހިންގި ބަންގްލަދޭޝް މީހަކު 10 އަހަރަށް ޖަލަށް ލުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ނަމަވެސް އެއީ ކޮން ރަށެއްގެ ކުއްޖެއް ކަމެއް ފުލުހުން އާންމެއް ނުކުރެ އެވެ.
އެ މައްސަލައިގައި އިއްޔެ ކޯޓުން ހުކުމް ކުރީ ބަންގްލަދޭޝް ބަޒަން ސާކާ 30 ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދަޢުވާ ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލަކުން ޢަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު ތަހުގީގު ނިންމާ އެ މައްސަލަ ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
ރ. ކިނޮޅަހުގައި ކުޑަ އަންހެންކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ބަންގުލަދޭޝް މީހަކު ދިހަ އަހަރަށް ޖަލަށްލުމަށް ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުން މީގެ ތިން ހަފްތާ ކުރިން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.