އެޕަލްއިން ދެން ނެރޭނެ ކަމަށް ބެލެވޭ އައިފޯން 15 ޕްރޯ ސްމާޓްފޯން މޮޑެލްތަކުގައި އެންމެ ފަހުގެ ވައިފައި 6އީ ޓެކްނޮލޮޖީ އެކުލެވިގެންވާނެ ކަމަށް އަޑުފެތުރިއްޖެއެވެ.

ވައިފައި 6އީ ޓެކްނޮލޮޖީ އަކީ ހަލުވި ސްޕީޑްގެ ވަޔަލެސް ކަނެކްޓިވިޓީއަށް މަގުފަހިކޮށްދޭ ފަހުގެ ޓެކްނޮލޮޖީއެކެވެ.

އައިފޯން 15 ޕްރޯ މޮޑެލްތަކުގައި ވައިފައި 6އީ ހުންނާނެ ކަމަށް ބެލެވިފައި މިވަނީ އިތުބާރު ހުރި ލީކަރު "އަންނޯންޒް21"އިން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލީކުވި ލިޔުންތަކަށް ރިޢާޔަތްކޮށް ކަމަށް އެޕަލްއިންސައިޑާއިން ބުނެއެވެ.

ބާކްލޭޒްގެ އެނަލިސްޓުންގެ ރިސާޗް ނޯޓެއްގައި ވެސް ވަނީ މި ވާހަކަތަކަށް ތާއީދުކޮށްފައެވެ.

އެނަލިސްޓުން ކަމަށްވާ ބްލޭން ކާޓިސް އާއި ޓޮމް އޯމެލީ ބުނާ ގޮތުގައި އައިފޯން 15 ޕްރޯ އަދި 15 ޕްރޯ މެކްސްއަށް ވައިފައި 6އީ އިތުރު ކުރާނެއެވެ. އަދި އައިފޯން 15 އާއި އައިފޯން 15 ޕްލަސްގައި ވައިފައި 6 ސްޓޭންޑަޑް ހުންނާނެއެވެ.

އެނަލިސިސް ރިޕޯޓްތައް ބުނާގޮތުން ވައިފައި 6 އަކީ 2.4 ގިގަހާޓްޒް އަދި 5 ގިގަހާޓްޒް ފްރިކުއެންސީ ބޭންޑްތަކުގައިވެސް މަސައްކަތް ކުރާނެ ޓެކްނޮލޮޖީ އެކެވެ.

ވައިފައި 6ގައި ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ޑޭޓާ ޓްރާންސްމިޝަންގެ އެފިޝަންސީ އިތުރުކޮށް ސްޓްރީމިން އާއި ގޭމިން ފަދަ ހަރަކާތްތަކަށް ރަނގަޅު ސްޕީޑެއް ލިބިގެން ދިޔުމެވެ.

މީގެ ކުރިން އާންމު ވެފައިވާ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލްގެ ޑިސްޕްލޭ ފީޗާތައް ކަމަށްވާ އޯލްވޭސް-އޮން އާއި ޕްރޯ-މޯޝަން ކުރިއަށް އައިފޯން 15 ޕްރޯ 15 ޕްރޯ މެކްސްއިން ވެސް ފެންނާނެއެވެ.

މީގެ އިތުރުން އައިފޯން 15 ޕްރޯ އާއި 15 ޕްރޯ މެކްސްގައި ހެޕްޓިކް ފީޑްބެކް ހިމެނޭ ސޮލިޑް ސްޓޭޓް ބަޓަން، ޓައިޓޭނިއަމް ފްރޭމެއް އަދި ރޭމް އިތުރުކުރުން ފަދަ އާ ފީޗާތައް ހިމެނޭނެ ކަމަށް ވަނީ އަޑުފެތުރިފައެވެ.