23 Jul 2023, 10:38
ކުރީގެ މަޝްހޫރު ފިލްމީ ކޮމޭޑިއަން އަހްމަދު ޝާހިދު ހަލީމް ނިޔާވެއްޖެއެވެ.
ޝާހިދުގެ އާއިލާއިން "ސަން"އަށް ބުނީ އޭނާ ނިޔާވެފައި ވަނީ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭތާ މަހެއްހާ ދުވަސްވެފައި ވަނިކޮށް ކަމަށެވެ. އަދި ހަފުތާއެއްހާ ދުވަހު ވެންޓިލޭޓަރުގައިވެސް ފަރުވާ ދީފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
ޝާހިދު ދިވެހީންގެ ތެރެއަށް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޓީވީއެމުން އުފެއްދި "ބަޚަބަރު" ސީރިޒްގެ ތެރެއިންނެވެ. ހެއްވާ މަޖާ ޝަޚުސިއްޔަތެއްގެ ވެރި މީހެއްގެ ރޯލު އެ ސީރީޒްގައި އޭނާ ވަނީ އަދާކޮށްފައެވެ.

ކުރީގެ މަޝްހޫރު ފިލްމީ ކޮމޭޑިއަން އަހްމަދު ޝާހިދު ހަލީމް --
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މިނިވަން ދުވަސް ފާހަގަކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ކުޅުއްވި 'ތިން އުނދަގޫ' ތަމްސީލަކީ ޝާހިދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަމްސީލެވެ.
ތަމްސީލު ކުޅުމުގެ ދާއިރާއިން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާ ވަނީ 1986 ވަނަ އަހަަރު ހާސިލުކުރައްވާފައެވެ.

ކުރީގެ މަޝްހޫރު ކޮމިޑީއަން އަހުމަދު ޝާހިދު ހަލީމް --
ތަމްސީލު ކުޅުމުގެ އިތުރުން ޝާހިދަކީ މޮޅު ޅެންވެރިއެކެވެ. ގިނަ ޅެންތަކެއް ދިވެހީންގެ ތެރެއަށް ދޫކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ހެއްދެވި ގިނަ ޅެންތައް "އާބާރު" އަދި "ފަތްތޫރަ"ފަދަ މަޖައްލާތަކުގައި ވެސް ވަނީ ޝާއިއު ކޮށްފައެވެ.