23 Jul 2023, 08:43
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ ރޯޝަން އާއިލާއަށް ހާއްސަކޮށްގެން ޑޮކިއުމެންޓްރީއެއް އުފައްދަން އެ އާއިލާއިން ނިންމައިފިއެވެ.
މި ޑޮކިއުމެންޓްރީއަކީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޕްރޮޑިއުސްކޮށް ޝަޝީ ރަންޖަން ޑައިރެކްޓްކުރާ ޑޮކިއުމެންޓްރީއެކެވެ. ރިތިކްގެ ބޮޑު ބޭބެ އަދި މަޝްހޫރު މިއުޒިކު ޑައިރެކްޓަރު ރާޖޭޝް ރޯޝަން ބުނެފައިވަނީ އެ އާއިލާގެ ވަރަށް ގިނަ ވަހާކަތަކާއެކު މިހާތަނަށް އާއްމުންނަށް ނޭނގޭ ގިނަ ސިއްރުތަކެއް މި ޑޮކިއެމްޓްރީއިން ބެލުންތެރިންނަށް ހާމަކޮށްދޭނެކަމަށެވެ.
ރިތިކް ރޯޝަން ނިސްބަތްވާ ރޯޝަން އާއިލާއަކީ، 1950ގެ އަހަރުތަކުން ފެށިގެން ހިންދީ ސިނަމާގައި މަސައްކަތްކުރަމުން އަންނަ އާއިލާއެކެވެ. ރިތިކްގެ ކާފަ ރޯޝަން ލާލް ނާގްރަތުއަކީ އޭރު ހިންދީ ފިލްމުތަކުގައި މިއުޒިކް ޑައިރެކްޓަރެއްގެގޮތުގައި ކެރިއަރު ފެށި ފަރާތެކެވެ. އަދި ބައްޕަ ފަރާތު މާމަ އިރާ ރޯޝަންއަކީ ބެންގާލީ މިއުޒިކް ކޮމްޕޯސްކުރުމުގެ އިތުރުން ލަވަ ކިޔުންތެރިއެކެވެ.
ރޯޝަން ލާލް އޭރު މަސައްކަތްކުރި ލަވަކިޔުންތެރިންގެތެރޭގައި ހިންދީ ސިނަމާގެ ލެޖެންޑް މުޙައްމަދު ރަފީޢު، ތަލަތު މަހުމޫދު އަދި ލަތާ މަންގޭޝްކަރު ހިމެނެއެވެ.
މި ޑޮކިއުމެންޓްރީ އުފެއްދުމުގެ ޚަބަރު ކަށަވަރު ކޮށްދެމުން ރާޖޭޝް ރޯޝަން ބުނެފައިވަނީ، މިއީ އެ އާއިލާއިން ހިންދީ ސިނަމާއަސް މިހާތަނަށްކޮށްދެވުނު މަސައްކަތްތައް އާއްމުންނާ ހިއްސާކުރުމުގެ ބޭނުމުގައި އުފައްދާ ކުރު ފިލްމެއްކަމަށެވެ. އަދި މި ޑޮކިއުމެންޓްރީ އުފެއްދުމުގެ ޚިޔާލާއެކު ހިތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާކަމަށާއި މީގެ އެތައް އަހަރުތަކެއްފަހުންވެސް މިމަޢުލޫމާތުތައް ފިލްމެއްގެ ސިފައިގައި ރައްކާކުރެވިފައި ހުންނާނެކަމަށް ރާޖޭޝް ރޯޝަންވަނީ ބުނެފައެވެ.
ރިތިކް ރޯޝަން ފިލްމީ ދާއިރާއަށް ތަޢާރަފްވި ފިލްމު "ކަހޯނާ ޕިޔާރު ހޭ"ގެ ހުރިހާ ލަވަތަކަކަށް ލިރިކްސް އަދި މިއުޒިކް ތައްޔާރުކޮށްދީފައިވަނީވެސް ރާޖޭޝް ރޯޝަންއެވެ. ރާޖޭޝް ރޯޝަން މިއުޒިކު ދާއިރާގައި މަސައްކަތްކުރާއިރު ކޮއްކޮ ރާކޭޝް ރޯޝަންއަކީ 1970އިގެ އަހަރުތަކުގެތެރޭގައި ފިލްމީ ދާއިރާގައި އެކްޓްކުރުމުގެ އިތުރުން ފިލްމު އުފެއްދުމުގެ އެންމެކުރީ ސަފުގައި މަސައްކަތްކުރި ފަރާތެކެވެ.
ރާކޭޝް ރޯޝަން އުފެއްދި މަޝްހޫރު ފިލްމުތަކުގެތެރޭގައި، "ޚުދުގަރްޒު"، "ޚޫން ބަރީ މާންގް" އަދި "ކަރަން އަރުޖުން" ހިމެނެއެވެ. މީގެއިތުރުން ރިތިކް ރޯޝަންގެ ފިލްމު "ކްރިޝޤގެ" ސީރީސްތަކާއެކު ސައިންސް ފިކްޝަން ފިލްމު "ކޮއި މިލްގަޔާ"އަކީވެސް ރާކޭޝް ރޯޝަން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކެވެ.