22 Jul 2023, 23:51
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ވާދަކުރެވޭ ވަރުގެ ކެނޑިޑޭޓެއް އިދިކޮޅުގައި ނެތްކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމިނު އެ ކެނޑިޑޭޓަކާއި، ވާދަކުރަންޖެހޭ ވަރުގެ މީހެއް އިދިކޮޅުގައި ނެތްކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީނުގެ ހުރިހާ ޝައުގަކާއި ވިސްނުމެއް ހުރީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން އެކަނިކަމަށެވެ. މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް ރައްޔިތުންނަށާއި، ޤައުމަށް ކޮށްދެވުނު ހަމައެކަނި ކަމަކީ ދަރަނި ބޮޑުކުރުން ކަމަށް އޭނާ ފާހަގަކުރައްވާފައެވެ.
ޝިޔާމް ވިދާޅުވީ މިހާރުގެ ސަރުކާރަށް އިންޑިއާގެ ހިއްސާނެތި އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި، ކުޑަކުދިންގެ ޕާކެއް އަޅަންވިޔަސް މިހާރު ޖެހެނީ އިންޑިއާގެ އެހީގައި އެކަން ކުރަން ކަމަށެވެ.
"ދިވެހިރާއްޖޭގެ އެކި ސަރަހައްދުތައް އެކި ނަންނަމުގައި ދެމުންއެދަނީ. މިހާރު ފާލަމެއް އަޅަންވިޔަސް މިޖެހެނީ އިންޑިއާ އާއެކު ބޮޑު އެގްރީމެންޓެއް ހަދަން. ދެ މިލިއަން ރުފިޔާގެ ގޭދޮށު މަސްފެކްޓްރީއެއް އަޅަންވިއަސް މިއަދު މިޖެހެނީ އިންޑިއާ އާއެކު ބޮޑު އެގްރީމެންޓެއް ހަދަން" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން--- ފޮޓޯ/ޕީޕީއެމް
ޝިޔާމް ވިދާޅުވީ، ރައީސް ޔާމިނުގެ ވެރިކަމުގައި ޗައިނާއާ ގާތްވެ އެ ގައުމުން ނަގާ ދަރަނީގެ ބޮޑު ވާހަކަ އަދުގެ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ލީޑަރުން ދައްކަމުން ދިޔަކަމަށެވެ. ނަމަވެސް، މިއަދު އެމީހުން އިންޑިއާ ދަށުވެ ރެކޯޑު އަދަދަކަށް އެޤައުމަށް ދަރަމުންދާކަމަށާއި، އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ނަގާފައިއޮތް ދަރަނި، ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއިން ނެގި ދަރަންޏާ ނުބައްދަލުކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ލޯނުތައް ނަގައިގެން ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމުގެ ތަރައްޤީއަށް ކުރެއްވި މަސައްކަތްތައް ފެންނަން އެބަހުރިކަމަށެވެ. އަދި އޭގެ މަންފާ ކުރަމުންދާކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިހާރުގެ ސަރުކާރުގެ ދައުރު ނިމިގެންދާއިރު، ޤައުމުގެ ތަރައްޤީއަށް ކުރި އެއްވެސްކަމެއް ފެންނަން ނެތްކަމަށާއި، ދަރަނި ބޮޑުކުރުން ނޫންކަމެއް ކުރެވިފައިނެތްކަމަށް ޝިޔާމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.