04 May 2012, 15:11
ޓެކުސް ނެގުމުގައި މީރާ އިން ކުރާ ކަމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ މައްސަލައެއް ޓެކުސް އެޕީލް ޓުރައިބިލަނަށް ހުށައެޅުމުގެ ބާރު ވިޔަފާރިވެރިނަށް ލިބިގެންވާ ޓެކުސް އެޕީލް ގަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.
އެ ގަވާއިދަށް އަމަލު ކުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ޓެކުސް އެޕީލް ޓުރެބިއުނަލް އެކުލެވިގެން ވަނީ ރައިސްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ފަސް މެމްބަރުންގެ މައްޗަށެވެ. އެ ޓްރައިބިއުނަލްގައި ހިމެނޭ ފަސް މެންބަރުންނަކީ ނ. މާފަރު އީޓުޖެހިގޭ އަބްދުއްސަލާމް އާރިފާއި ބ. ތުޅާދޫ ގުލްބަހާރުގޭ އިބްރާހިމް އަފީފާއި ލ. މާވަށު، ނަލަމަލަ ނަސްރުﷲ ޖަމީލާއި ދަފްތަރު ނަމްބަރު5295 ، އަހުމަދު ސާވީ އަދި ގ. މާވާރުލު ހަސަން ޒުހައިރު މުހައްމަދެވެ.
އެ ގަވާއިދުގައިވާ ގޮތުން މީރާ އިން ނިންމާ ނިންމުމަކާ މެދު ވިޔިފާރިވެރިން ހިތްހަމަ ނުޖެހޭ ނަމަ އެކަމެއް އިސްތިއުނާފް ކުރުމަށް ޓެކުސް އެޕީލް ޓުރެބިއުނަލަށް ހުށައެޅުމުން އެ ޓުރެބިއުނަލުން އެ މައްސަލަ ބަލަން ޖެހޭނެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި ބުނާ ގޮތުން ޓެކްސްއާ ގުޅިގެން ބޮޑެތި އޮޅުވާލުންތަކުގައި ކުށް ކުރަމުންދާ ނުވަތަ އެފަދަ ކުށެއް ކުރަމުންދާ ކަމުގެ ހެކި ހުރި ނަމަ އަދި ޓެކްސްއާ ގުޅޭ މައުލޫމާތު ހުރި ތަނުގެ ހެކި ފެންނާނެ ކަމަށް މީރާ އިން ބުނާ ނަމަ، އެތަނަކަށް ވަނުމުގެ އަމުރު ދިނުމުގެ ބާރު އެޓުރައިބިއުނަލަށް ލިބިދީފައިވެ އެވެ.
އެގަވައިދުގައި ބުނާ ގޮތުން ހުށައެޅޭ މައްސަލަތައް ބެލުމަށް ޓަކައި މީހުން ހާޒިރުކުރާ ނަމަ، ހެކިބަސް ހޯދުމަށާއި ހެކި ހޯދުމާއި އަދި އެނޫން ގޮތްގޮތަށް ވެސް މައްސަލައިގެ ހަގީގަތް ހޯދައި ކަށަވަރު ކުރަން ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ ބާރު އެޓުރައިބިއުނަލަށް ލިބިގެން ވެ އެވެ.
އެ ގަވާއިދުގައި ޓެކުސް ދެއްކުމުގައި ދިމަވާ މައްސަލަތައް ބެލުމުގެ ބޮޑެތި ބާރުތަކެއް ޓުރެބިއުނަލަށް ލިބިދީފައިވެ އެވެ.