14:50


ހދ. ކުޅުދުއްފުށީގައި އޮންނަ ފަނިޑޔާރުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވަން އުޅުއްވި ހއ. އަތޮޅުގެ 10 ގާޒީއަކަށް، ހއ. ދިއްދޫ ބަޔަކު ހުރަސްއަޅައި ދޮޅު ގަޑިއިރެއްހާއިރު ވަންދެން އެ ބޭފުޅުން ފުރާވަޑައިގަތަނުދީ ހިފަހައްޓައިފި އެވެ.


ހއ. އަތޮޅުގެ އެކި ރަށްރަށުން 10 ގާޒީއަކު މިއަދު މެންދުރު 11:45 ހާއިރު، އެ އަތޮޅު ދިއްދޫން ފުރައިވަޑައިގެން ކުޅުއްދުއްފުޓަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައި ކަމަށް ސަންއެފްއެމަށް މައުލޫމާތު ލިބިފައިވެ އެވެ.


ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ، ފަނޑިޔާރުން ދާއިމީ ކުރުމުގެ ކަންތައްތަކާ މެދު ހިތްހަމަނުޖެހޭ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ، ގާޒީންފުރިޔަ ނުދިނުމުގެ ގޮތުން އަޑުގަދަކޮށް ހުރަސް އަޅާފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ހިމާޔަތުގެ ދަށުން ހުރިހާ ގާޒީން ވަޑައިގެންނެވީ ދިއްދޫ ފުލުސް އޮފީހަށް ކަމަށް އޭނާ ކިޔައިންދިނެވެ. އަދި އެއްވެ ތިބި މީހުން ފުލުސް އޮފީސް ކައިރިއަށް ވެސް އެއްވެ އަޑުގަދަކުރަމުން ދިޔަ ނަމަވެސް، ދޮޅު ގަޑިއިރެއްހާއިރު ފަހުން ފުލުހުންގެ ބެލުމުގެ ދަށުން ހުރިހާ ގާޒީން ވަނީ މިއަދު މިއަދު މެންދުރު 1.30 ހާއިރު ފުރާވަޑައިގެންފަ އެވެ.


މިކަމާ ގުޅޭ ގޮތުން ގާޒީއެއްގެ ފަރާތުން ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ދިއްދޫން ވާހަކަ ދެއްކެވި ގާޒީއަކު ކުރިން ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވޭނެ ކަމުގައި އެއްވެސް ޔަގީންކަމެއް އޭރު ނެތް ކަމަށެވެ.