ދިވެހި އަދަބިއްޔާތު ކުރިއެރުވުމަށް މަސައްކަތްތައް ކުރާ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ބޭއްވި "ތާނަވާ" އަދަބީ ކާނިވާ، ބޮޑު ތަރުހީބަކާ އެކު ނިންމާލައިފިއެވެ.

މިއީ ދިވެހި އަދަބިއްޔާތު ކުރިއަރުވައި އެ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ ފަރާތްތަކުން ކުރާ މަސައްކަތްތައް އިޝްތިހާރު ކުރުމާއި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އިކޮނިމިކް މިނިސްޓްރީގެ އިސްނެގުމަކަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބޭއްވި ކާނިވަލެކެވެ.

"ތާނަވާ" އަދަބީ ކާނިވަލް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް -- ފޮޓޯ/ ބީސީސީ

އޭގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީ އާއި ބަހާއި އަދަބިއްޔާތަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް އެ ކާނިވަލުގައި ބައިވެރިވެފައިވެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ "ތާނަވާ" ކާނިވަލަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވި ފުރަތަމަ އަދަބީ ކާނިވަލެވެ

ތިރީހަކަށް ސްޓޯލް ބައިވެރިވި ހަރަކާތުގައި، ލިޔުންތެރިންގެ ފޮތްތަކާއި އަދަބިއްޔާތާއި ސަގާފަތާ ގުޅުންހުރި ބައެއް ތަކެތި ލިބެން ހުއްޓެވެ.

އެކަމުގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ އެއީ ވަރަށް ކާމިޔާބު ކާނިވަލެއްކަން ފާހަގަ ކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކާނިވާތައް ބޭއްވުމަކީ އަދަބިއްޔާތާއި ސަގާފަތާ ގުޅުންހުރި ތަކެތި މާކެޓު ކުރުމަށް މުހިންމު ކަމެއްކަން އެ ފަރާތްތަކުން ފާހަގަ ކުރިއެވެ.

ލިޔުންތެރީންގެ އެކިއެކި އުފެއްދުންތަކާއި އަދަބިއްޔާތާއި ބެހޭ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސަގާފަތާ ގުޅޭ ތަފާތު ފަންނުވެރީންގެ މަސައްކަތްތައް ވެސް އެ ކާނިވަލުން ފެނުނެއެވެ. އޭގެ ތެރޭގައި ސަގާފީ ހެދުންތަކާއި ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތައް ދައްކާލުމަށް ޓަކައި ފެޝަން ޝޯއެއް ކުރިއަށް ގެންދިޔައެވެ.

ބީސީސީން ބުނިގޮތުގައި "ތާނަވާ" އަދަބީ ކާނިވަލަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.