23 Jul 2023, 08:39
މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު ވިވެކް އަގްނިހޮތްރީގެ ފިލްމު "ދަ ކަޝްމީރު ފައިލްސް"އާއި ގުޅުން ހުރި ތާރީޚީ ގިނަ ވާހަކަތަކެއް ކިޔައިދޭ "ދަ ކަޝްމީރު ފައިލްސް އަންރިޕޯޓެޑް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމު "ދަ ކަޝްމީރު ފައިލްސް"އަކީ، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ފިލްމެކެވެ.
"ދަ ކަޝްމީރު ފައިލްސް ރިޕޯޓު" އުފެއްދުމުގެ ޚިޔާލު އައީ ވެސް އާއްމުންގެ ފަރާތުންނާއި ދުނިޔޭގެ ގިނަ ބައެއްގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ރިއާޔަތްކޮށްފައި ކަމަށް ވެސް ޑައިރެކްޓަރު ވިވެކް އަގްނިހޯތްރީ ވަނީ ބުނެފައެވެ.
ކަޝްމީރުގައި ދިރިއުޅުނު މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ހާދިސާކަމަށް ބުނެ އެ ހާދިސާތައް ދައްކުވައިދިން ފިލްމު " ދަ ކަޝްމީރު ފައިލްސް"އާ އެކު ސޯޝަލް މީޑިއާގައި ވެސް ހޫނު ބަހުސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވިވެކް އަގްނިހޯތްރީއާއި އަންހެނުން ޕައްލަވީ ޖޯޝީ މި ފަހަރު ގެނެސްދޭ "ދަ ކަޝްމީރު ފައިލްސް އަން ރިޕޯޓެޑް"އިން އިތުރު އާ ވާހަކަތަކެއް ބެލުންތެރިންނަށް އެނގޭނެ ކަމަށާއި މި ފަހަރު މި ފިލްމު ގެނެސްދެނީ ވެސް ޑޮކިއުމެންޓްރީ ސްޓައިލަށް ކަމަށް ޑައިރެކްޓަރު ވިވެކް ވަނީ ބުނެފައެވެ.
ރިލީޒް ކުރާނެ ވަކި ތާރީޚެއް ހަމަޖެހިފައިނުވާ މި ފިލްމާ އެކު އަނެއްކާ ވެސް ގިނަ ބައެއްގެ ފާޑިކިޔުންތައް ޑައިރެކްޓަރު ވިވެކް އަގްނިހޯތްރީއަށް އަމާޒުވާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރިލީޒްކުރެވުނު ފިލްމަކީ، އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ބޮޑު ޕްރޮޕެގެންޑާއެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ "ދަ ކަޝްމީރު ފައިލްސް"އަކީ ޚިޔާލީ ވާހަކައެއް ކަމަށް ބުނެފައެވެ.
ކްރިޓިކުން ވެސް މި ފިލްމާ އެކު ގިނަ ބައެއްގެ ހިތުގައި ނަފުރަތު އުފެދޭނެކަމުގެ އިންޒާރު އޭރުވަނީ ދީފައެވެ. އަނޫޕަމް ޚޭރު، މިތުން ޗަކްރަވަތީ، ދަރުޝަން ކުމާރު އަދި ޕައްލަވީ ޖޯޝީ މުހިއްމު ރޯލުން ފެނުނު "ދަ ކަޝްމީރު ފައިލްސް"އަކީ އިންޑިއާގެ ތާރީޚުގެ ބޮޑު ބައެއް ދައްކުވައިދޭ ފިލްމެއް ކަމަށާއި މިއީ ކޮންމެހެން ވެސް ބަލަންޖެހޭ ފިލްމެއް ކަމަށް އާމިރު ޚާން އޭރުވަނީ ބުނެފައެވެ.
މި ފިލްމު ރިލީޒްވެ ލިބެމުންދިޔަ ނުރުހުމުގެ ފާޑުކިޔުންތަކާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިންވަނީ ފިލްމާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުންނުވާ ކަމަށް ބުނެފައެވެ.