ދާދިފަހުން ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާއެކު ކުރިޔަށްގެންދިޔަ 'އާސްކް މީ އެނީތިންގް' ސެޝަންގައި ބަތަލާ ތާޕްސީއަށް އަމިއްލަ ކައިވެންޏާބެހޭ ސުވާލުތަކެއްވަނީ ކުރިމަތިވެފައެވެ.

ގިނަ ބަޔަކު ކައިވެންޏެއްކުރަން ވިސްނަންތޯ ކުރި ސުވާލަށް ރައްދު ދެމުން ތާޕްސީ ބުނީ އަދި މާބަނޑުނުވާކަމަށެވެ. ހިނގަނޑާއެކު ބަތަލާބުނީ ކައިވެނީގެ ވަގުތު ޖެހުމުން ހުރިހާ އެންމެންނަށްވެސް އެކަން އަންގާނެކަމަށެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން ތާޕްސީއަކީ ތެލުގޫ އަދި ތަމަޅަ ފިލްމުތައްވެސް ކުޅެފައިވާ ބަތަލާއެކެވެ. ޖެހިލުމެއްނެތި މިނިވަންކަމާއެކު އަމިއްލަ ޚިޔާލު ފާޅުކުރާ ބަތަލާ ބުނެފައިވަނީ ކައިވެންޏާމެދު އަދި ނުވިސްނާކަމަށެވެ. ތަންކޮޅެއްކުރިން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ބުނެފައިވަނީ ކައިވެންޏެއްކުރުމާމެދު ވިސްނާނީ އަމިއްލަ ދަރިއަކު ބޭނުންވުމުންކަމަށެވެ. އަދި ކައިވެންޏެއްކުރި ނަމަވެސް އެއީ އެންމެ ދުވަހަކުން ހުރިހާ ރަސްމިއްޔާތެއް ނިންމާލެވޭނެ ކައިވެންޏަކަށް ވާންޖެހޭނެކަމަށާއި މިޒަމާނުގައި މިފެންނަ ފަދަ ބޮޑެތި ކައިވެނީގެ ހަފްލާއެއް ބޭއްވުމުގެ ވިސްނުމެއްނެތްކަމަށް ބަތަލާވަނީ ބުނެފައެވެ.

އަމިއްލަ ޒާތީ ޙަޔާތާބެހޭ މަޢުލޫމާތުތައް އާއްމުކުރުމާ ދެކޮޅު ބަތަލާ ލޯބީގެގޮތުން ގުޅިގެން އުޅެނީ ޑެންމާކަށް ނިސްބަތްވާ ބެޑްމިންޓަން ކުޅުންތެރިޔާ މެތާއިއަސް ބޮއީއާއެވެ. ޔޫރަޕިއަން ގޭމްސްގެ 2015ވަނަ އަހަރުގެ ގޯލްޑް މެޑަލިސްޓް މެތާއިއަސް އާއެކު ތާޕްސީ އަދި ތާޕްސީގެ ކޮއްކޮ ޝަގުން ޕަންނޫ އެކީގައި ޗުއްޓީ ދަތުރުތަކަށް ދިއުމަކީ އާއްމުކަމެކެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް ތާޕްސީގެ ލޯބިވެރިޔާއާއި ބެހޭގޮތުން ބަތަލާ ވާހަކަދައްކާފައެއް ނުވެއެވެ.

ފިލްމު "ޕިންކް"، "ތައްޕަޅު"، "ބަދުލާ" އަދި "ހަސީން ދިލްރުބާ"ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާގެ ތިން ފިލްމެއް މިއަހަރު ރިލީޒްކުރާނެކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ. އޭގެތެރޭގައި އެކްޓަރު ޝާހްރުކް ޚާންއާއެކު ކުޅޭ ފިލްމު "ދުންކީ" އަދި މިހާރު މަސައްކަތް ނިމި ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައިއޮތް ފިލްމު "ވޮ ލަޅްކީ ހޭ ކަހާން؟"ހިމެނެއެވެ. ތާޕްސީ މުހިއްމު ރޯލް ކުޅެފައިވާ "ހަސީން ދިލްރުބާ"ގެ ސީކުއަލް ޕިރް ހަސީން ދިލްރުބާ" ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.