ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިންތިޚާބީ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، އެ ހައްގު ހޯދުމަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިރޭ ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ގޮސްފައި ވާތީ އެމަނިކުފާނުގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައި ވާ ކަމަށެވެ.

އަދި، ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވީ ހިނދު، އެކަމުގެ ސަބަބުން އެމަނިކުފާނުގެ އިންތިޚާބީ ހައްގުތަކަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

"އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން." އޭނާގެ ޓްވީޓުގައި ވެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެއަށް ފަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިހާތަނަށް ތާވަލްކޮށްފައިނުވާއިރު، އިތުުރު އަޑުއެހުމެއް ތާވަލް ކުރާނެ ދުވަހެއް ނޭނގޭ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.

އެކަމާ މެދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ބޭފުޅުން ގެންދަވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖޭއެސްސީ އާއި ހައި ކޯޓު އަދި ކަމާ ބެހޭ އެހެނިހެން އިދާރާތަކަށް ވަޑައިގެން ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ.

އިދިކޮޅުން މި މައްސަލަ އަވަސްކުރަން ބޭނުންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ މުއްދަތު ހަމަ ވާނެއެވެ. އެ މުއްދަތުގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް ހުށަހެޅުމަށް އިދިކޮޅުން އަންނަނީ ތައްޔާރު ވަމުންނެވެ.