މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބަލައިގަތުމަށް ގައުމީ ކޮމްޕްލެއިންސް ބިއުރޯ މިއަދު ގާއިމުކޮށްފިއެވެ.

މި ބިއުރޯ ގާއިމުކޮށްފައި ވަނީ އިންތިޚާބާ ބެހޭ މަރުކަޒު ހުންނަ ދަރުބާރުގޭގައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ގައުމީ ކޮމްޕްލެއިންސް ބިއުރޯ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 3:00 އާ ހަމައަށް ކަމަށެވެ. އަދި ހުކުރު ދުވަހު މެނދުރުފަހު 14:00 އިން 17:00 އަށް ބިއުރޯގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީސީ އިން ބުނީ ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އެ ކޮމިޝަންގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒުންނާއި އިލެކްޝަންސް ކޮމިޝަން އިދާރާގެ ކައުންޓަރުގެ އިތުރުން ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ގާއިމު ކޮށްފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ކަމަށެވެ.

ރާއްޖޭން ބޭރުގައި ގާއިމްކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުން ވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އީސީ އިން ބުންޏެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު، ޓްވީޓާގައި މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ގައުމީ އިލެކްޝަން ކޮމްޕްލެއިންސް ބިއުރޯ އުފައްދާފައިވީ ނަމަވެސް، އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަންޖެހޭނީ، އެންޓިކޮރަޕްޝަން ކޮމިޝަނަށް ކަމަށެވެ. އަދި ބްރޯޑްކާސްޓް ކުރުމާބެހޭ މައްސަލަތައް ހުށަހަޅަންޖެހޭނީ، ބްރޯޑްކާސްޓިން ކޮމިޝަނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ގައުމީ ކޮމްޕްލެއިންސް ބިއުރޯ ގާއިމުކުރި އިރު، އީސީ އިން މިއަދު ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު މާދަމާ އިން ފެށިގެން އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ 14:00އާ ހަމައަށް އޮންނާނެއެވެ.