23 Jul 2023, 09:09
ފިލްމު އަދި ޓީވީގެ އެންމެ ބޮޑު އެއް ކޮންވެންޝަން ކަމަށްވާ ސެންޑިއޭގޯ ކޮމިކް ކޮންވެންޝަން މި އަހަރު ތަރިންތަކާ ނުލައި ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް މެދު ތެރޭގައި ބާއްވާ ކޮމިކް ކޯން އަކީ ޝޯތަކާއި ފިލްމުތައް އަދި ގޭމްތަކުގެ ފޭނުން ތަފާތު ކޮސްޓިއުމްތައް އަޅައިގެންް އެއްވާ އެންމެ ބޮޑު އިވެންޓެވެ. މި އިވެންޓަކީ ބޮޑެތި ޕްރޮޑަކްޝަންތަކުން އާ އުފެއްދުންތަކުގެ އެކްސްކްލޫސިވްކޮށް އާންމުކުރާ އިވެންޓެވެ.
ތަފާތު އުފެއްދުންތަކަށް މަގުބޫލުކަން އޮންނާތީ ބޮޑެތި ތަރިންތަކުގެ ޕެނަލްތައް މި ކޮންވެންޝަންގައި އޮންނާނެއެވެ. ޝޯތަކާއި ފިލްމުތަކުގެ ވާހަކަތައް ތަރިންތަކުންގެ ދުލުން އެ މީހުންނާ އިންޓަވިއުކޮށްލައިގެން ހޯދޭ އިވެންޓަކީ ކޮމިކް ކޯންއެވެ.
ނަމަވެސް މި އަހަރުގެ ޕެނަލްތައް އޮތީ ވަރަށް ބޮޑަށް ފަޅުވެފައެވެ. އެތައް ހާސް ތަރިންތަކެއް ބައިވެރިވެ މައުލޫމާތު ހިއްސާކުރާ ޕެނަލްތައް ގިނައިން އޮތީ ހުހަށެވެ.
މިހާރު ކުރިއަށްދާ ހަޅުތާލުތަކާ ގުޅިގެން ހޮލީވުޑްގައި މަސައްކަތް ކުރާ ގިނަ އެކްޓަރުން ވަނީ ހުރިހާ އެހެން އިވެންޓުތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ރައިޓާސް ސްޓްރައިކް ނުވަތަ ލިޔުންތެރިންގެ ހަޅުތާލާ ގުޅިގެން ގިނަ އުފެއްދުންތަކެއްގެ މަސައްކަތް އަންނަނީ މެދު ކަނޑާލަމުންނެވެ.
އެމެރިކާގެ ރައިޓާސް ގިލްޑް (ޑަބްލިއުޖީއޭ) އިން އަންނަނީ ލިޔުންތެރިންނަށް މުސާރަ ލިބުމުގެ މައްސަލައިގައި މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަޅުލާތު ކުރަމުންނެވެ. ޓީވީ ޝޯތަކާއި ފިލްމުތަކުގައި މަސައްކަތް ކުރާ ލިޔުންތެރިންނަށް އެކަށީގެންވާ އުޖޫރާ ނުދިނުމާ ގުޅިގެން މި ހަޅުލާތު ފަށާފައިވާއިރު އެކަމާ ގުޅިގެން އެތައް ބައެއް އަންނަނީ މަސައްކަތްތައް ހުއްޓައިލަމުންނެވެ.
މައްސަލަ ހޫނު ވެފައިވާއިރު ބޮޑެތި ސްޓްރީމިން ސާވިސްތަކާއި ޕްރޮޑަކްޝަން ކުންފުނިތަކުން އަދިވެސް މައްސަލައަށް ވަނީ ބީރު ކަންފަތެއް ދީފައެވެ. އެއާއެކު ހޮލީވުޑްގެ ގިނަ ތަރިންތައް ވަނީ ހަޅުތާލަށް ނިކުމެފައެވެ.
ގިނަ ތަރިން ހަޅުތާލަށް ނިކުތް ނަމަވެސް ބައެއް ތަރިން އަދިވެސް އެކި އިވެންޓްތަކުގައި ބައިވެރިވެއެވެ. އަދި ބައެއް ތަރިން ވަނީ ކޮމިކް ކޯންގައި ވެސް ބައިވެރިވާނެ ކަމަށް އިޝާރާތް ކޮށްފައެވެ. އޭގެތެރޭގައި އައިކޮނިކް ތަރި ޖޭމީ ލީ ކާޓީސް ހިމެނެއެވެ.