ވޮޝިންގޓަން (މޭ 3) : އެމެރިކާގެ ރިޔާސީ ރޭހުގެ ޕްރައިމަރީގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވި ނިއުޓް ގުންގްރިޗް ރިޔާސީ ރޭހުން ނުކުމެ ވަޑައިގެންފި އެވެ.

ވާރޖީނިޔާގައި ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ގުންގްރިޗް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ އޭނާގެ ވާދަވެރިޔާ މިޓްރުމްނީ ކަން މިހާރު ކަށަވަރުވާތީ ރުމްނީ އަށް ތާއީދުކޮށް ޕާޓީގެ މަސްލަޙަތު ކުރިޔަށް ނެރުމަށްޓަކައި ރިޔާސީ ރޭހުން ނުކުތުމަށް ނިންމީކަމުގަ އެވެ. އުމުރުން 68 އަހަރުގެ ގުންގްރިޗް އަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސްކަން ކުރައްވާފައިވާ ތަޖްރިބާކާރު ޝަޚްސިއްޔަތެކެވެ.

އޭނާގެ ފިކުރަކީ ކަނާތުފިޔައިގެ ކޮންޒަވެރޓިވް ފިކުރެވެ. މިގޮތުން އެމެރިކާގެ ކުރީގެ ހަރުކަށި ރައީސެއް ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝްގެ ނިއު ކޮންޒަވެޓިވް ފިކުރަށް ގުންގްރިޗް ތާއީދުކުރައްވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާގެ މިހާރު ރައީސް ބަރަކް އޮބާމާއަކީ އެމެރިކާ ފަދަ ޤައުމެއްގެ ރައީސްކަމަށް ކަމުދާވަރަށް ވުރެ މާ "ލޮނުމަޑު" ބޭފުޅެއްކަމަށާއި އޮބާމާއަކީ ވާތުފިޔައިގެ ފިކުރުގައި ހައްދުފަހަނަޅާފައިވާ ބޭފުޅެއް ކަމަށް ވެސް ޕްރައިމަރީގެ ކޭމްޕޭންގައި ގުންގްރިޗް ވަނީ ސިފަކުރައްވާފަ އެވެ.

މީގެއިތުރުން ޕްރައިމަރީގެ ކޭންޕޭންގައި ގުންގްރިޗް ވަނީ އޭނާގެ ވެރިކަމެއްގައި އެމެރިކާގެ ދާއިމީ ކޮލޮނީއެއް ހަނދުގައި ޤާއިމްކުރައްވައި އެތާނގައި 13 ހާސް އެމެރިކާ މީހުން ވަޒަންވެރިކުރައްވާނެ ކަމަށް ވިދާޅުވެ އޭނާގެ ކޭންޕޭނަށް މީހުންގެ ސަމާލުކަން ގެންނެވުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކުރައްވާފަ އެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ މީޓްރުމްނީ ކާމިޔާބުކުރައްވާނެ ކަމަށް ބެލެވިފައިވާ އިރު އެމެރިކާގެ ރިޔާސީ ރޭހުގައި ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާނެ އިދިކޮޅު ކެންޑިޑޭޓަކީ ރުމްނީ ކަން މިހާރުވަނީ ކަށަވަރު ވެފަ އެވެ. (ރޮއިޓާސް)