23 Jul 2023, 08:57
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ނީނާ"ގެ ޓިކެޓް ދޫކުރަން ފަށައިފިއެވެ.
އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވެފައިވާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 2020ވަނަ އަހަރެވެ. ނަމަވެސް ކޮވިޑާ އެކު ފިލްމު ލަސްވި ގޮތަށް އަދި ފިލްމު އެޅުވޭ ގޮތް ވެފައެއް ނުވެއެވެ.
އެންމެ ފަހުން މި ފިލްމު މިހާރު މިއޮތީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ދައްކަން ހަމަ ޖެހިފައެވެ. އެއާ އެކު އިއްޔެ ވަނީ ފިލްމުގެ ޓިކެޓުތައް ދޫކުރަން ފަށާފައެވެ. ޓިކެޓާ ގުޅޭ ކަންތައްތަކުގެ މައުލޫމާތު ހޯދައި ސީޓް ރިޒާވް ކުރުމުގެ މަސައްކަތަށް ހަމަޖައްސާފައިވާ ހޮޓްލައިން އަކީ 7242555 އެވެ. އަދި, ޓިކެޓް ދޫކުރުމުގެ ކަންތައް ހަމަޖެހިފައިވަނީ އޮލިމްޕަހުންނެވެ.
މި ފިލްމުގެ 30 ޝޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އިއްލެގެ އައިފިލްމްސްއިން މި ފިލްމު ރިލީޒްކުރާއިރު ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ފިލްމުގެ ފައިނަލް ޓްރެއިލާ އާންމުކޮށްފައެވެ. ޓްރެއިލަރުން ފިލްމަކީ އަސަރުގަދަ ފިލްމަކަށް ވުމުގެ އިތުރުން އެކްޝަނުން ވެސް ފުރިގެންވާ ފިލްމެއްކަން ހާމަވެއެވެ.
ފިލްމުގެ ލީޑް ރޯލު ކަމަށްވާ ނީނާގެ ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބެވެ. ޝޯގެ އިތުރު ރޯލުތަކުން ދެން ފެނިގެންދާނީ ޝަރަފް އަބްދުﷲ އާއި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމެވެ.