ހުޅުމާލެ ދެވަނަ ފިޔަވަހިން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް އޮތް ތާއީދު ފެނި ސިއްސައިގެން ގޮސްފި ކަމަށް އެމަނިކުފާނުގެ މާލެ ސަރަހައްދުގެ ކެމްޕެއިން ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އެ ސަރަހައްދަށް ވަޑައިގަތުމުން އެ ކަމަނާ އަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި މީހުންގެ އަދަދު ފެނިވަޑައިގަތުމުން ސިހުން ލިބުނު ކަމަށާއި، ހުޅުމާލޭ ދެވަނަ ފިޔަވަހިން އެފަދަ ތަރުހީބެއް އެމްޑީޕީއަށާއި ރައީސް ޞާލިޙަށް ލިބިދާނެ ކަމަށް އުއްމީދު ކުރައްވާފައި ނުވާ ކަމަށެވެ.

ފޭސް 2 ޖަގަހަ ހުޅުއްވައިދެއްވުން / ސަން ފޮޓޯ: މާހިލް އާތިފް

އަޅުގަނޑު މިއަދު އައިސް މިތާ ހުއްޓިލީމާ ދިޔައީ ހަމަ ސިއްސައިގެން. އަޅުގަނޑު ހިތަކަށް ނާރާ ހުޅުމާލޭގެ ފޭސް ދޭއްގަ އަޅުގަނޑުމެން ޖަގަހައެއް ހުޅުވާލަން އައިސްގެން އެފަދަ މަރުހަބާއެއް ތިބޭފުޅުން އެމްޑީޕީގެ އެއްވެސް މީހަކަށް ވިދާޅުވެދާނެ ކަމަކަށް.މާރިޔާ އަހުމަދު ދީދީ

މާރިޔާ ވިދާޅުވީ އެހެން ހީފުޅުކުރެއްވުނީ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފޭސް 2 ގައި ސީދާ ފެންނަ ގޮތަށް އެއްވެސް މަސައްކަތްތަކެއް ކުރެވިފައި ނުވާތީ ކަމަށެވެ. ނަމަވެސް އެއަށް ފަހު އެ ސަރަހައްދުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެ ކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މާރިޔާ ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ދިނުމަށް ރައީސް ޞާލިޙް ނިންމެވުމުން، މިހާރު ފެންނަނީ އުޖާލާވެފައިވާ މޫނުތަކެއް ކަމަށާއި، ދޫކުރާ ބިންތަކުގައި އިމާރާތްކޮށް، ފްލެޓްތައް އެޅުމުން މާލޭގެ ކުލިތައް ކުޑަވެ، އެންމެންނަށް ވެސް ކުރިއަށް އޮތް ތަނުގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް މަހެއްހާ ދުވަސް ބާކީ އޮތް އިރު، އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް ޞާލިހުގެ ކެމްޕޭނު މާލެއާއި އަތޮޅުތެރޭގައި ކުރިއަށް އެބަދެއެވެ. އެގޮތުން، އެކި އަތޮޅުތަކަށް ރައީސް ޒިޔާރާތް ކުރައްވަމުން އެބަދެއެވެ. އަދި މާލޭގެ އެކި ޖަގަހަތަކުގައި ހަރަކާތްތައް ކުރިއަށް ދާއިރު ދޮރުން ދޮރަށް ހިނގުން ވެސް ވަނީ ފަށާފައެވެ.