22 Jul 2023, 19:26
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކަނޑައަޅާފައިވާއިރު އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް، އިލެކްޝަން ކޮމިޝަނަށް ވެއްދުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ޕީޕީއެމް އިން މިއަދު ބުނެފިއެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި އެ ފުރުސަތު އޯގަސްޓް، ހަތެއް ވާ ހޯމަ ދުވަހުގެ 14:00އާ ހަމަޔަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވަދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ފުރުމާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
"ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ފުރުމާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން. ފޯމް ވައްދާ ދުވަސް މީޑިއާ ތަކަށް އަންގާނަން،" ހީނާ ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ މުއްދަތު އޮއްވައި ނިންމައި ދިނުމަށް އިދިކޮޅުން އަންނަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ ހައި ކޯޓުގައި އޮތް މައްސަލަ ނިންމާއިރު، ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓް ހަތަކަށް ބަންދުވާއިރު ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އެމަނިކުފާނަށް އެ އިންތިޚާބުގައި ކުރިމަތިލުމަށް އޮތް ހުރަހެކެވެ.