22 Jul 2023, 18:39
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަނި ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕްރައިމަރީއަށް ކުރިމަތިލުމަށް ޓަކައި އިލްޔާސް ފޯމު ހުށަހެޅުއްވީ މިއަދެވެ. އިތުރު މެމްބަރަކު ކުރިމަތިލައިފައި ނުވާއިރު ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި ފެންނާނެކަމަށް އެންމެ ބޮޑަށް ވާހަކަދެކެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކުރިމަތިނުލައްވައެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު އޮންނަ ގޮތުން އެންމެ މީހަކު ކުރިމަތިލީ ކަމުގައިވީ ނަމަވެސް އާންމު މެމްބަރުންގެ ތެރެއަށް ވޯޓަކަށް ދާން ޖެހެއެވެ. އެ ކަމުގެ ތަފްސީލް ފަހުން ހާމަކުރާނެކަމަށް އެ ޕާޓީން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޑިމޮކްރެޓްސްއިން ކުރިމަތިލުމަށް ރައީސް ނަޝީދު ވެސް އެންޑޯސްކުރައްވަނީ އިލްޔާސެވެ. ރައީސް ނަޝީދު ދައްކަވަމުން އަންނަ ވާހަކަފުޅުތަކުން ވެސް، ވެރިކަމަށް ކުރިމަތިލައްވާނެކަމުގެ މާ ބޮޑު އިޝާރާތެއް ނުދެއްވައެވެ.
އެ މަނިކުފާނު ތަކުރާރުކުރައްވަމު އަންނަ ވާހަކަފުޅަކީ ވެރިކަން ބަދަލުކުރަން މަސައްކަތްކުރާ ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކު ނެރުމެވެ.