22 Jul 2023, 18:52
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު ކުރިއަށްގެންދިޔަ ސައިކަލު ބުރު, ހިނގާލުމަކަށް ބަދަލުކޮށް ކުރިއަށް ދަނިކޮށް 14 މީހަކު ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ، ހިނގާލުމުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ 10 ފިރިހެނުންނާއި ހަތަރު އަންހެނުން ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
މީހުން ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގުގައި ހިނގާލުމުގެ ބައިވެރިން އިށީނުމާ ގުޅިގެންނެވެ. ހައްޔަރުކުރި މަންޒަރު ދުއް މީހުން ބުނީ އެ މީހުން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އެރުވި ކަމަށެވެ.
ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕުން ބައިވެރިވި މި ހިނގާލުމުގައި ވަނީ "ދިވެހީންގެރާއްޖެ" ޖަހާފައިވާ ޓީޝާޓް ބޭނުންކޮށްފައެވެ. އަދި ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް އެ ހިނގާލުމުގެ ބައިވެރިން ވަނީ އަޑުއުފުލައިފައެވެ.
ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލަ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ މުއްދަތު އޮއްވައި ނިންމައި ދިނުމަށް ޕީޕީއެމް، ޕީއެންސީން އަންނަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.
އެމަނިކުފާނު ޖަލުގައި ހުންނެވި ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް އެމަނިކުފާނުގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ވަނީ ފަށާފައެވެ.