04 May 2012, 14:24
ނުކުރެވޭވަރުގެ ކަމެއްގައި ވަޢުދެއްނުވާނެ ކަމަށާއި ދޮގު ނުހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހިރިމަރަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެދޭ ކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި ނުކުރެވޭ ވަރު ކަމެއްގައި ވަޢުދުވެވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް އިތުރު ދޮގެއް ނުދަންނަވާނަމޭ. އަޅުގަނޑަށް ނުކުރެވޭވަރުގެ ކަމެއްގައި އަޅުގަނޑު ވަޢުދެއް ވެސް ނުވާނަމޭ. އެހެންނަމަވެސް، ތިޔަބޭފުޅުން ތިއެދިވަޑައިގަންނަވާ ކަންކަން ރަނގަޅު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި ތިޔަބޭފުޅުންގެ މުސްތަޤްބަލްގެ ކަންތައްތައް މުހިންމުވާން ވާނީ ތިޔަބޭފުޅުންނަށް،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.
ހިރިމަރަދޫގައި ޒުވާނުން ގިނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިރިމަރަދޫގެ ތަރައްޤީއަށް ތިރީހަކަށް މިލިއަން ރުފިޔާ ކަނޑައަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެ ތިރީސް މިލިއަން ރުފިޔާ ޚަރަދު ކުރެވޭނެ ގޮތްތައް ކަނޑައެޅުމުގައި ރަށުގެ ރައްޔިތުންގެ މަޝްވަރާ އާއި ޚިޔާލު ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ސަރުކާރުގެ އެހީތައް، ސަރުކާރުގެ ޕްރޮގްރާމްތައް ގިނަ ފަހަރަށް ގޮސްފައި ހުރީ ވަކި ކުލައެއްގެ ރަށްރަށަށަށް ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވާ ކައުންސިލެއް ނޯންނަ ތަނަކަށް ސަރުކާރުގެ އެހީވެސް، އަޅާލުން ވެސް މާބޮޑަށް ނޯންނަ ކަމަށެވެ. އަދި ނޫމަރާއަކީ ޕާޓީތަކަށް މާބޮޑު ފޯރިއެއްދީގެން އުޅޭ ރަށަކަށް ނުވާތީ އެރަށަށް މާބޮޑު އަޅާލުމެއްދީފައެއް ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ އެ އަތޮޅު ހަނިމާދޫން އެމަނިކުފާނަށް ލިބިފައި އޮތް ބިމުގައި ގެއެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މިރަށާ ވަރަށް ކައިރީގައި އަޅުގަނޑު މިއުޅެނީ ގެދޮރު އަޅަން ފަށައިގެން، ކައިރީގައި އޮތް ހަނިމާދޫގައި. އެހެންވީމާ، މިރަށަށް ފަނަރަވަރަކަށް މިނިޓުން އާދެވޭއިރުގައި، އިރާދަކުރެއްވިއްޔާ، އަނެއްކާ މާލަސްތަކެއްނުވެ މިރަށަށް އައުމުގެ ފުރުސަތުވެސް ލިބޭނެ. އަޅުގަނޑަށް ހަނިމާދުއަށް އާދެވުނު ގޮތެއް ދަންނަވާކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ. ކަން ދިމާވިގޮތުން މީގެ ދިހަވަރަކަށް އަހަރު ކުރިން މާލޭ މީހުންނަށް ގޯތިދިންއިރުގައި، އަޅުގަނޑަށް އެތަނުން ގޯއްޗެއް ނެގިފައި އޮތީ. އެހެންވީމާ، މިހާރު އަޅުގަނޑު ހަނިމާދޫ މީހަކަށްވެސްވެފައި މިހިރީ. ދެން މިހާރު ކުޑަކުޑަ ގެއެއް އަޅައިގެން، އަޅުގަނޑު އެތަނަށް ވަރަށްގިނައިން އަންނަން،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.