22 Jul 2023, 18:42
މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 13.4 އިންސައްތަ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.01 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 896،625 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. ދެވަނައިގައި އިންޑިއާ އޮތްއިރު މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ތިންވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:
ރަޝިއާ: 119،405
އިންޑިއާ: 118،638
އިނގިރޭސިވިލާތް: 85،884
ޗައިނާ: 80،769
ޖަރުމަނު: 70،065
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތްވަނީ 7.9 އިންސައްތަ އިތުރުވެފައެވެ. ޗައިނާގެ އިތުރުން އޮސްޓްރޭލިއާ، ސްވިޒަރލެންޑް، އަދި އެމެރިކާ ފަދަ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.
ހިނގަމުން މިދަނީ، ރާއްޖޭގެ ފަތުރުވެރިންގެ ސިނާއަތުގެ އެންމެ ދަށް ދުވަސްވަރު ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ބަލާއިރު ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ވަނީ 5،084 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ އަމާޒު ހާސިލުވުމުން ދެން ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.