މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ ދޮރުން ދޮރަށް ކެމްޕެއިން މާލޭގައި މިއަދު ފަށައިފިއެވެ.

ޖޭޕީން މާލެއާއި ވިލިމާލޭގައި މިއަދު ދޮރުން ދޮރަށް ކެމްޕެއިން ފެށިއިރު، އަތޮޅުތެރޭގައި މިވަގުތު އެ ޕާޓީގެ ކެމްޕެއިން ޓީމްތަކުން ދަނީ ދޮރުން ދޮރަށް ކެމްޕެއިން ކުރަމުންނެވެ. މީގެކުރިން އެ ޕާޓީން ވަނީ ހުޅުމާލޭގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ފަށައިފައެވެ.

މާލޭގައި ގާސިމްގެ ދޮރުން ދޮރަށް ކެމްޕެއިން ފެށުމުގެގޮތުން އެ ޕާޓީގެ އިދާރާ، މ. ކުނޫޒްގައި ގާސިމްގެ އެޑްވައިޒަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ދޮރުން ދޮރަށް ކެމްޕެއިން 55 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގާސިމްގެ ދޮރުން ދޮރަށް ކެމްޕެއިން ފެށުމުގެ ގޮތުން ނިހާން ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ނިހާން ވިދާޅުވީ ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދާ އިރު އާންމު ގޮތެއްގައި ގޭގެއިން ދިމާވަނީ ވެރިކަން ކުރާ ޕާޓީ ނުވަތަ އިދިކޮޅުގެ އެހެން ޕާޓީއަކަށް ތާއީދުކުރާ ބަޔަކާ ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ޖުމްހޫރީ ޕާޓީ އަކީ އެ ހުރިހާ ޕާޓީތަކަށް އެހީތެރިވެދޭ ޕާޓީކަން އެންމެންވެސް ދަންނާނެ ކަމަށާއި ވެރިކަންތައް ގާއިމްވެގެން ދަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީ ވެރިކަމަށް އައިއްސިފިނަމަ ރާއްޖޭގައި އޮންނަ އެންމެ ބޮޑު ޕާޓީއަށް އެ ޕާޓީ ވާނެކަން އެންމެނަށް ވެސް އެނގޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ވަރަށް މަދު ބޭފުޅެއް ނޫނިއްޔާ އޮނަރަބަލް ގާސިމް އިބްރަހީމާ މެދު ޒާތީ ތަޢައްސަބެއް އޮންނާނެހެނެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑަށް ލިބިފަ ހުރި ސިޔާސީ ތަޖުރިބާގެ އަލީގައި މިހެން މިދެންނެވި.އަހުމަދު ނިހާން ހުސެއިން މަނިކު

ގާސިމްގެ ދޮރުން ދޮރަށް ކެމްޕެއިން ފެށުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޓިކެޓް މިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ޕާޓީން ވަނީ ގާސިމަށް އަރުވައިފައެވެ.

ގާސިމްގެ އިތުރުން އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވެސް ގެންދަވަނީ މާލެ އާއި އަތޮޅު ތެރޭގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ އެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފައެވެ.

އެ ތިން ޕާޓީން ވެސް ވަކިން ކެންޑިޑޭޓެއް ނެރެ، ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އެ ތިން ޕާޓީގެ ލީޑަރުން ވަނީ ރިޔާސީ އިންތިޚާބުގައި އެ ތިން ޕާޓީއަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައެވެ. ނަމަވެސް އެ ކެންޑިޑޭޓު އަދިވެސް ދެއްކިފައެއްނުވެއެވެ.