އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ޕޫލަކާއެކު ދިރާގުން މޮބައިލް ލެޖެންޑްސް ކޮންކުއެސްްޓް ތައާރަފްކޮށްފިއެވެ.

މި ކޮންކުއެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް މި އުފާވެރި ޚަބަރު ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ހަފުތާގެ ކުރީކޮޅު ވަނީ އިއުލާނުކޮށްފައެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މުއްދަތު ހަމަވާނެ ތާރީޚެއް ކަމަށް ދިރާގުން ބުނެފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ 00:00ގެ ނިޔަލަށް ކަމަށެެވެ. ރަޖިސްޓްރީ ވުމަށް ޚާއްސަ ޕޯޓަލްއެއް ވެސް ދިރާގުން ވަނީ ހުޅުވާފައެވެ.

މި މުބާރާތުގައި 15 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ. ކޮންމެ ޓީމަކުން ފަސް ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް މުބާރާތުގައި ބައިވެރިވެވެނީ މުޅިއެކު 40 ޓީމަކަށެވެ. 40 ޓީމަށް ފުރުސަތު ދޭ ގޮތަށް އޮތުމުން ދިރާގުން ވަނީ ވީ އެންމެ އަވަހަށް ރަޖިސްޓްރޭޝަން ނިންމަން ބައިވެރިންގެ ކިބައިން އެދިފައެވެ.

މުބާރާތުގެ ފުރަތަމަ ހަތް ދުވަސް އޮންލައިންކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިރާގު ޔޫޓިއުބް ޕޭޖުން މި މެޗުތަށް ލައިވް ކުރާނެއެވެ. އަންނަ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު ބޭއްވޭ ގްރޭންޑް ފިނާލޭ ވެގެންދާނީ ފުލް ޑޭ ފިޒިކަލް އިވެންޓަކަށް ކަމަށް ދިރާގުން ބުނެއެވެ. ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭފަދަ އިންތިޒާމް ހަމަޖައްސާ ފޯރިގަދަ އިވެންޓަކަށް ވާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މޮބައިލް ލެޖެންޑްސް އަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓުވެސްމެއެވެ. ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

މުބާރާތާބެހޭ އިތުރު މައުލޫމާތުhttps://bit.ly/43zhEOIއިން ލިބޭނެއެވެ.