22 Jul 2023, 11:12
ހިތްގައިމު ގޯލަކާއެކު އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ އިންޓަ މަޔާމީ ކެރިއަރު ފަށައިފިއެވެ.
ލީގްސް ކަޕްގައި ރަށުން ބޭރުގައި ރޭ ކްރުޒް އަޒުލްއާ ދެކޮޅަށް އިންޓަ މަޔާމީން ކުޅުނު މެޗުގައި ސްޓޭޑިއަމް ފުރާލާފައިވަނީ ގިނަ އަދަދެއްގެ މެސީގެ ސަޕޯޓަރުންނާއެކުއެވެ. އެ މެޗު ވެގެން ގޮސްފައިވަނީ އިންޓަ މަޔާމީގެ ޖާޒީގައި މެސީގެ ފުރަތަމަ ފެނިލުމަށެވެ. އިންޓަ މަޔާމީން މެސީގެ ހުވަފެނީ ފެށުން ނިންމާލީ 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ރޮބާޓް ޓެއިލާގެ ގޯލުން އިންޓަ މަޔާމީން ވަނީ ލީޑު ހޯދައިފައެވެ. މެޗުގައި މެސީ ފެނިގެންދިޔައީ ކެޕްޓަން ބޭންޑާއެކު ދެވަނަ ހާފު ފެށިތާ ނުވަ މިނެޓު ފަހުންނެވެ. ބާސާގައި އޭނާއާއެކު ކުޅުނު ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވެސް ކުޅެން ނުކުތީ އެއް ވަގުތެއްގައެވެ.
މެޗުގެ 65 ވަނަ މިނެޓުގައި އުރިއެލް އަންޓޫނާގެ ގޯލުން ކްރުޒް އަޒުލް އިން ނަތީޖާ ހަމަހަމަކުރުމުން އިންޓަ މަޔާމީން ދެން ބަރޯސާވާން ޖެހުނީ މެސީގެ ޖާދުލަށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ހިތްގައިމު ހިލޭ ޖެހުމަކުން މެސީ ވަނީ ގޯލު ޖަހައި، އިންޓަ މަޔާމީއަށް އުފާވެރިކަން ގެނެސްދީފައެވެ.
އެ މެޗު ކުޅެފައިވަނީ މެސީގެ އާއިލާގެ ކުރިމަތީގައެވެ. މުޅި ދަނޑު "ގުގުމާލި" ގޯލާއެކު މެސީ އުފާފާޅުކުރަން ދިޔައީ އޭނާގެ ދަރިން ކައިރިއަށެވެ. މެޗު ބެލުމަށް ދަނޑުގައި އިން އިންޓަ މަޔާމީގެ ކޯ އޯނަރު އަދި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ މޫނުމަތިން ވެސް މެސީގެ ގޯލާއެކު ހާއްސަ އިހުސާސްތަކެއް ފެނިގެންދިޔައެވެ.