ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރަނިން މޭޓަަކަށް ވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ރައީސާ އެކު ކޯލިޝަން ގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމްގެ ސަން ޓްރެވަލް ކުންފުންޏާއި ދެކޮޅަށް ސިންގަޕޫރުގައި ކުރިއަށް ދިޔަ އަޑުއެހުންތަކަށް ހާޒިރުވެވަޑައިގަތުމަށް ފަހު ސިޔާމް ވަނީ މިރޭ ރާއްޖެ ވަޑައިގެންފައެވެ.

މީޑިއާތަކާ ބައްދަލުކުރައްވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ރައީސް ޞާލިޙްގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން އެއް ގޮތަކަށް ވެސް ނުގެންގުޅުއްވާ ކަމަށާއި، ނަމަވެސް މަޖުބޫރީ ހާލަތެއް ދިމާވެއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ނެތް ޝައުގުވެރިކަމެއް ރަނިން މޭޓަކަށް ވުމުގެ. ނަމަވެސް އެކަން ކުރަން މަޖުބޫރު ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރާނަން," ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިރޭ ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްުދުﷲ

ރައީސް ޞާލިހްގެ ކެމްޕެއިން ދަތުރުތައް ފަށާފައިވާއިރު، ސިޔާމް ގެންދަވަނީ ރައީސާ އެކު އެ ދަތުރުފުޅުތަކުގައި ބައިވެރި ވެވަޑައިގަންނަވަމުންނެވެ.

ދެވަނަ ދައުރަކަށް އަމާޒު ހިއްޕަވާފައިވާ ރައީސް ޞާލިޙް މިހާތަނަށް ރަނިން މޭޓެއް ކަނޑައަޅުއްވާފައިނުވާއިރު، އެކަން އެ މަނިކުފާނު ސިފަ ކުރެއްވީ ވަރަށް އުނދަގޫ ނިންމުމެއްގެ ގޮތުގައެވެ.

އެގޮތުން، ރަނިންމޭޓުކަމަށް ޕާޓީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ނަންތައް ލިބޭކަން ފާހަގަކުރައްވައި ރައީސް މީގެ ކުރިން ވިދާޅުވީ ވަކި ބޭފުޅެއް ނިންމަވަން ވަރަށް ބޮޑަށް ދަތިފުޅުވެފައިވާ ކަމަށެވެ.

ރަނިންމޭޓު ކަމުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ވެސް އެބައޮތެވެ. އެހެންކަމުން ޕާޓީގެ ވަކި ބޭފުޅަކަށް ޓިކެޓު އެރުވުމަކީ ޕާޓީ ތެރޭގައި އިތުރު ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

ރަނިން މޭޓަކަށް ވުމުގެ ޝައުގުވެރިކަން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ފާޅުކުރައްވާފައި ވާއިރު، ފައިސަލް އަކީ ދިވެހި ޖުމްހޫރިއްޔާގެ ތާރީޚުގައި ދައުރެއް ހަމަކުރައްވާ ހަމައެކަނި ނައިބު ރައީސެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާރު ހުޅުވާލާފައިވާއިރު ވަރަށް އަވަހަށް ރަނިން މޭޓަކީ ކާކުކަން ރައީސް ޞާލިޙް އިއުލާން ކުރައްވާނެއެވެ.