މީހުން ހިތްފަސޭހަކޮށްލުމަށް ނ. މިލަދޫ ގޮނޑުދޮށުގައި ހަދާފައި ހުރި ހަޓެއް ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި އަލިފާނުގެ އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަޓްގައި ރޯވެފައި ވަނީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިލަދޫން ވާހަކަ ދެއްކި މީހަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނީ އެ ރަށު އިރުމަތީކޮޅުގައި ހަދާފައި ހުރި ހަޓް ރޯކޮށްލާފައި ވަނީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ.

ދަނޑިފަނުން ހަދާފައި ހުރި ހަޓްގައި ރޯކޮށްލުމާ ގުޅިގެން އެތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިލަދޫގައި މިދިޔަ އަހަރު ފަހުކޮޅު ވަނީ އެ ރަށު ކައުންސިލް އިދާރާ އާއި ކޯޓުގައި ވެސް ބަޔަކު ހުޅުޖަހައި ރޯކޮށްލައިފަ އެވެ. އެ ހާދިސާއަށް ފަހު ކައުންސިލް އިދާރާ އާއި ކޯޓު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. މީގެ އިތުރުން ވެސް ތިން ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައި ގެއެއްގެ އިލެކްޓްރިކް ސާމާނުތަކެއްގައި ވަނީ ރޯކޮށްލައިފަ އެވެ.