ރާއްޖޭގެ ނައިބު ރައީސް ކަމުގައި ވޭތުވެ މިދިޔަ ފަސް އަހަރަކީ ލާމަސީލު ދައުރެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެތެރޭ އެތައް ބައެއްގެ ލޯބި ލިބިފައި ވާކަމަށެވެ. ރައީސަށް ތައުރީފު ކުރައްވާ ފައިސަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ކުރެވުނީ އާދަޔާ ޚިލާފު ތަޖުރިބާއެއް ކަމަށެވެ.

އެގޮތުން ރައީސަކީ މީހުން ދައްކާ ވާހަކަ އަޑުއައްސަވާ، މީހުންނަށް އިހުތިރާމް ކުރައްވާ އަދި ކުރާ ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅަށް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނުނީ ހަމަ މުޅިން އާދަޔާ ޚިލާފު ކަމެއް. އެހެންވީމަ އަޅުގަނޑުގެ ނިމުމެއް ނެތް ޝުކުރު ހިތުގެ އެންމެ ފުން މިނުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮ ހިތުން އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ފަސް އަހަރުގެ ދައުރެއް ލިބުމުން އެންމެ ފުރަތަމަ ވެސް ވިސްނެވީ، އެންމެ ގިނަ މަސައްކަތް ކުރެވޭނެ ގޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ބަލާނީ އަބަދުވެސް އެންމެ ރަނގަޅަށް ކަންތައްތައް ކުރެވޭތޯ. ރައްޔިތުންނަށް ވީ އެންމެ ރަނގަޅަކަށް ކަންތައްތައް ކުރެވޭތޯ. ޚިދުމަތް ކުރެވޭތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަކޮޅު ނިންމަވާލެއްވީ ނަސޭހަތުގެ ބަސްކޮޅަކުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ކުރާ ކޮންމެ ކަމެއް ވެސް ކުރަންވާނީ ގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ.

ރޭގެ ހަފްލާގައި ނައިބު ރައީސްގެ ހަޔާތުގެ ތަފުސީލީ ވާހަކަތައް ލިޔެފައިވާ ބަޔޮގްރަފީ ފޮތެއް ވެސް ނެރުއްވާފައި ވެއެވެ. މި ބްޔޮގްރަފީ ލިޔުއްވީ، ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަދި ލިޔުންތެރިޔާ އަޙްމަދު ސާއިލު ޢަލީއެވެ.