ކާމިޔާބު ވެބް ސީރީސްތައް އުފައްދާ ރާޖްއާއި ޑީކޭގެ ފުރަތަމަ ނެޓްފްލިކްސް ސީރީސް "ގަންސް އެންޑް ގުލާބްސް" ކުރިއަށް އޮތް އޮގަސްޓް މަހު 18ގައި ޕްރިމިއަކުރާގޮތަށް ނިންމައިފިއެވެ.

މި ސީރީސްއަކީ، 90އިގެ އަހަރުތަކުގެ ލޯބީގެ ހާދިސާތަކާއެކު، އޭރު ކުށުގެ ދުނިޔެ އޮތްގޮތް ދައްކުވައިދޭ ކޮމެޑީ ކްރައިމް ތްރިލާ ސީރީސްއެކެވެ.

ނެޓްފްލިކްސްއިން ޕްރިމިއާކުރާ މި ވެބް ސީރީސްގެ ލީޑް ތަރިންނަކީ، ބޮލީވުޑުގް އެކްޓަރު ރާޖްކުމާރު ރާއޯ، ސައުތު އެކްޓަރު ޑަލްޤީރު ސަލްމާން، ގުލްޝަން ދެވިއާ އަދި އާދަޝް ގޯރަވްއެވެ. މިއީ ރާޖްކުމާރު ރާއޯއާއެކު ސައުތު އެކްޓަރު ދަލްޤީރު ސަލްމާން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

މި ތިން ތަރިންނާއެކު "ގަންސް އެންޑް ގުލާބްސް"ގައި ބަތަލާއިންގެ ރޯލްއިން ފެންނާނެ ތަރިންނާބެހޭ މަޢުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެއެވެ. މިސީރީސް ޑައިރެކްޓްކުރުމުގެ އިތުރުން ޕްރޮޑިއުސަރުންގެ ގޮތުގައިވެސް މަސައްކަތްކުރަނީ ރާޖްއާއި ޑީކޭއެވެ.

ވެބް ސީރީސްގެ އިތުރުން ފިލްމުވެސް އެކީގައި އުފައްދާ ރާޖްއާއި ޑީކޭއަކީ، ޒުވާން ދުވަސްވަރުން ފެށިގެން އެކީގައި މަސައްކަތްކުރަމުން އައިސްފައިވާ ފިލްމު އުފެއްދުންތެރިންނެވެ.

ފިލްމު "ގޯ ގޯއާ ގޯން"، "ހެޕީ އެންޑިންގް" އަދި "ސްތްރީ" ފަދަ ފިލްމުތައް އުފައްދާފައިވާ ރާޖްއާއި ޑީކޭ ބޮޑަށް މަގުބޫލުވެފައިވަނީ ޓެލެވިޒަން ސީރީސްތަކުންނެވެ. އޭގެތެރޭގައި، އެމޭޒަން ޕްރައިމްއަށް އުފެއްދި "ދަ ފެމިލީ މޭން"، "ފަރުޒީ" އަދި "ގުލްކަންދާ ޓޭލްސް" ހިމެނެއެވެ.

ރާޖްއާއި ޑިކީގެ ކުރިޔަށްހުރި މަސައްކަތްތަކުގެ ތެރޭގައި ދާދިފަހުން އެމޭޒަން ޕްރައިމްއިން ޕްރިމިއާކުރި އެމެރިކަން ވެބް ސީރީސް "ސިޓަޑެލް"ގެ އިންޑިއަން ވާޝަން ހިމެނެއެވެ. "ސިޓަޑެލް"ގެ ނަމުން އުފައްދާ އިންޑިއާ ސީރީސްގެ މުހިއްމު ރޯލް ކުޅެނީ އެކްޓަރު ވަރުން ދަވަންއާއި ސަމަންތާ ޕްރަބޫއެވެ.