22 Jul 2023, 09:09
ބަތަލާ ދިޕިކާ ޕަދުކޯންއާއި ސައުތު އެކްޓަރު ޕްރަބާސްއާއި ކަމަލް ހަސަން އަދި އަމީތާބް ބައްޗަން އެކީގައި ކުޅޭ ފިލްމު "ޕްރޮޖެކްޓް"ކޭ ގެ ޓީޒާ ދައްކާލައިފިއެވެ.
މިފިލްމުގެ ޓީޒާއާއެކު ފިލްމަށް ރަސްމީގޮތުން ދެވުނު ނަންވެސްވަނީ އާއްމުންނާ ހިއްސާކޮށްފައެވެ. ތެލުގޫ ޑައިރެކްޓަރު ނާގް އަޝްވިން ޑައިރެކްޓްކުރާ މިފިލްމުގެ ރަސްމީ ޓައިޓްލްއަކީ، "ކަލްކީ 2898 AD"އެވެ.
މީގެ ތިން އަހަރުކުރިން އިއުލާނުކުރެވުނު މިފިލްމަކީ، މިހާތަނަށް އިންޑިއާގައި އެންމެބޮޑު ބަޖެޓަކުން އުފައްދާ ސައިންސް ފިކްޝަން ފިލްމެވެ. ޑައިރެކްޓަރު ނާގް އަޝްވިން އަމިއްލައަށް ސްކްރިޕްޓް ތައްޔާރުކޮށްފައިވާ މިފިލްމަކީ ތެލުގޫ ސިނަމާގެ އެންމެބޮޑު ޕްރޮޑަކްޝަން ހައުސް ވިޖަޔަންތީ މޫވީސްއިން ގެނެސްދޭ ފިލްމެކެވެ.
ބޮޑު ކާސްޓެއް ހިމެނޭ މިފިލްމުގެ މުހިއްމު ރޯލްއިން ބަތަލާ ދިޝާ ޕަޓާނީވެސް ފެންނާނެއެވެ. ފިލްމުގެ ކުރު ޓީޒާއިން އަމީތާބްއާއި ޕްރަބާސް އަދި ދިޕިކާގެ ފެނިލުންތަކެއް ދައްކައިލިއިރު ކަމަލް ހަސަން އާއި ދިޝާގެ މަންޒަރެއް ހިމަނާފައެއް ނުވެއެވެ.
ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ތަޢުރީފު "ކަލްކީ"ގެ ޓީޒާއަށް ލިބިފައިވާއިރު ޕްރަބާސްއާއެކު މަސައްކަތްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ރާޖާ މޮލީވެސްވަނީ އެކްޓަރަށް ވަރަށްބޮޑަށް ތަޢުރީފުކޮށްފައެވެ. އަދި ގިނަބަޔަކު 'ޑާލިންގް'ގެ ނަމުން މުހާތަބްކުރާ އެކްޓަރު ޕްރަބާސް ފިލްމުގައި ފެންނަގޮތް ވަރަށް ކަމުދާކަމަށް ޑައިރެކްޓަރު ރާޖާ މޮލީވަނީ ބުނެފައެވެ. މިފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 12ވަނަ ދުވަހަށެވެ.