21 Jul 2023, 20:14
ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލްއާ ގުޅޭ އެއްވެސް އެއްބަސްވުމެއް މެންޗެސްޓާ ސިޓީއާއެކު ނެތް ކަމަށް އޭނާ ކުޅެމުންދާ އާރްބީ ލައިފްޒިގްގެ ސްޕޯޓިން ޑިރެކްޓަރު މެކްސް އެބާލް ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ސިޓީއާ ގުޅުމަށް ގުވާޑިއޯލް ގާތަށް ޖެހި، އާރްބީ ލައިޕްޒިގްއާއެކު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. މީގެ ހަފުތާއެއް ކުރިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ގުވާޑިއޯލްގެ ޓްރާންސްފާއާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނަމުންދިޔަ ނަމަވެސް، "އެކަމާ އަދި ގާތަށް" ވެސް ދެވިފައި ނުވާ ކަމަށް ލައިޕްޒިގްގެ ސްޕޯޓިން ޑިރެކްޓަރު އެބާލް ވަނީ ވިދާޅުވެފައެވެ.
"ސިޓީއާއެކު އެއްވެސް އެއްބަސްވުމެއް ނެތް. އެ ޓްރާންސްފާ ނިމުމާ ގާތަށް ވެސް ނުދޭ. ސިޓީން ގުވާޑިއޯލް ބޭނުންވޭ. އެކަމަކު އަދި އެކަން އޮތީ ވަރަށް ދުރުގައި،" 'ސްކައި ސްޕޯޓްސް'އަށް ދެއްވި އިންޓަވިއުއެއްގައި އެބާލް ވިދާޅުވިއެވެ.
އެބާލް ވިދާޅުވީ ހަންގޭރީ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއީ، ލިވަޕޫލަށް ވިއްކާލުމާއެކު ރަނގަޅު އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށާއި އިތުރަށް ފައިސާ ބޭނުންނުވާ ކަމަށެވެ. އަދި ގުވާޑިއޯލް ވިއްކާލަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލައިޕްޒިގާއެކު ގުވާޑިއޯލް ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2027 ވަނަ އަހަރުއެވެ. ރިޕޯޓުތައް ބުނާގޮތުގައި ސިޓީން ވަނީ ގުވާޑިއޯލް ހޯދުމަށް ލައިޕްޒިގަށް 100 މިލިއަން ޔޫރޯ (86.7 މިލިއަން ޕައުންޑް)ގެ އަގެއް ހުށަހަޅައިފައެވެ. އެ އަގަށް ގުވާޑިއޯލް ސިޓީއާ ގުޅިއްޖެ ނަމަ، އޭނާ ވެގެންދާނީ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ.