21 Jul 2023, 20:15
ސޯޝަލް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ މީހުންގެ ލިސްޓުގެ އެންމެ ކުރިއަށް ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހިލައިފިއެވެ.
ކުޅިވަރު ވެބްސައިޓް "ލައިވްސްކޯ" އާއި ވެލްނަސް ބްރޭންޑް "ތެރަބޮޑީ" އަދި ކްރިޕްޓޯއަށް ހާއްސަ "ބައިނޭންސް" ޕްރޮމޯޓުކުރާ ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯގެ އިންސްޓަގްރާމްގައި 597 މިލިއަން ފޮލޯވަރުން ތިބެއެވެ.
އިންސްޓަގްރާމުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ މީހުންގެ ލިސްޓުގެ އެންމެ ކުރިއަށް ރޮނާލްޑޯ މީގެ ކުރިން ޖެހިލާފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު އޭނާ ހިމެނިގެންދިޔައީ އެ ލިސްޓުގެ ތިންވަނައިގައެވެ. މިހާރު އޭނާއަށް ކޮންމެ ސްޕޮންސާޑް ޕޯސްޓަކަށް 2.87 މިލިއަން ޕައުންޑް ލިބެއެވެ.

އިންސްޓަގްރާމްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ ތިން ތަރިން -- ފޮޓޯ/ ގެޓީ
އެ ލިސްޓުގެ ދެވަނައިގައި ހިމެނޭ މީޑިއާ ޕާސަނަލިޓީ އަދި ޒުވާން ވިޔަފާރިޔާ ކައިލީ ޖެނާއަށް، އިންސްގްރާމް ޕޯސްޓަކުން 1.47 މިލިއަން ޕައުންޑް ލިބެއެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަކީ 397 މިލިއަން ޕައުންޑެވެ.
އެ ލިސްޓުގެ ތިންވަނައިގައި ހިމެނިފައިވަނީ ފުޓުބޯޅައިގައި ރޮނާލްޑޯގެ ވާދަވެރިޔާ އަދި ހަތް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. އިންސްޓްރާމްގައި 479 މިލިއަން ފޮލޯވަރުން ތިބޭ މެސީއަށް ޕޯސްޓަކަށް 1.38 މިލިއަން ޕައުންޑް ލިބެއެވެ.
"ހޮޕާއެޗްކިޔު" އިން ނެރޭ އެ ލިސްޓުގައި ރޮނާލްޑޯ އާއި ޖެނާ އަދި މެސީގެ ފަހަތުން ދެން ހިމެނެނީ ޕޯސްޓަކަށް 1.35 މިލިއަން ޕައުންޑް ލިބޭ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭސް އަދި ޕޯސްޓަކަށް 1.33 މިލިއަން ޕައުންޑް ލިބޭ ފިލްމީ ތަރި ޑެވޭން 'ދަ ރޮކް' ޖޯންސަންއެވެ.