އިތުރު ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އަލުން އެކުލަވާލެއްވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު ކަމަށެވެ.

އަދި ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހުޅުމާލެ އެންދެރި3 މުހައްމަދު ނިޒާމު ހަމަޖައްސަވާފައިވާ އިރު، މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވީ ސ. ހިތަދޫ ނަސީމީ މަންޒިލް ބަދުރުއްދީން ނަސީމެވެ. ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހުޅުމާލެ ޢާއިލާ، މުޙަންމަދު ވަސީމާއި، ހ. ވިންޓަގްރީން މުހައްމަދު މަނިކާއި، ސ. ހުޅުދޫ އެޅެހިށިގެބޭރުގޭ މުހައްމަދު ނަސްރު އެވެ.

ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖެއްސެވީ، ހުޅުމާލެ ފްލެޓް 6 ޖީ 3 މުހައްމަދު އިމްތިޔާޒެވެ. އަދި މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވީ، ޅ. ނައިފަރު މާއޮޅު ޢަލީ އަހުމަދެވެ. ޑިރެކްޓަރުންގެ ބޯޑަށް ހަމަޖެއްސެވި އެހެން ބޭފުޅުންނަކީ، މ. މުލީ މާކޯނި، ޢަލީ ނިޝާނާއި، ހ. ހަތިހާ ޒަހާ ވަހީދާއި، ހއ. ދިއްދޫ ކިނބިގަސްދޮށުގޭ މުހައްމަދު ޝާކިރެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް މ. ވިލާދަށުގޭ އަސްލަމް ރަޝީދު ހަމަޖެއްސިވި އިރު، އެ ބޯޑުގެ މެނެޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ، އިބްރާހީމް ނަޒީމް އެވެ. އެ ބޯޑުގައި ދެން ހިމެނެނީ އދ. ދަނގެތީ ކާމިނީގޭ މައުމޫން ޢަބްދުއްސަމަދާއި ފުވައްމުލަކު މުސްތަރީގޭ އަހުމަދު ބަދީޢާއި ހުޅުމާލެ ފްލެޓް 13 ޖީ 03 އިބްރާހީމް ޙުސައިނާއި އަދި އދ. މަހިބަދޫ އަރީހާ މުޙަންމަދު ޝަމީމް ޢަލީ އެވެ.