މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަދައްވަމުން ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ، އޭނާގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވީ ޤައުމަށް ރަނގަޅުވާނެ ފަދަ ކަންކަން ކޮށްދެއްވުމުގައި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން ކުރައްވާނީ ހަމަ އެގޮތަށް ކަމަށެވެ.

ހަޔާތުގެ ބޮޑުބައި ހޭދަކުރީ، އަޅުގަނޑަށް މިގޮތުގައި އުޅެވި، ގައުމަށް ކަމެއް ކޮތްދިނުމަށް އަޅުގަނޑުގެ ނަން އޮތީ. އެހެންވީމަ އަޅުގަނޑުގެ ޝައުގުވެރިކަން ފާޅުކޮށްފަ އޮންނާނީ އެކަމަށް.ނައިބުރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ވިދާޅުވީ އެންމެ އިސްކަމެއްދެއްވަނީ އެ މަނިކުފާނާ ހަވާލުކުރާ ކަންކަން ވީހާވެސް ރަނގަޅަށް ކުރައްވަން ކަމަށެވެ.

ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޞާލިޙު، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އަދި މިހާތަނަށް ރަނިންމޭޓެއް ކަނޑައާޅާފައި ނުވާއިރު، އެމަނިކުފާނު ވަނީ ފައިސަލްއާ ދޭތެރޭ ދެކޭ ގޮތް ހާމަކުރައްވައިފައެވެ.

އެގޮތުން ނައިބުރައީސް ފައިސަލްއަށް 50 އަހަރު ފުރުނު މުނާސަބަތާއި ގުޅުވައިގެން ރޭ ނެރުއްވި ފައިސަލްގެ ބަޔޮގްރަފީ ފޮތަށް އެ މަނިކުފާނު ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ފައިސަލް އަކީ ވަރަށް އިތުބާރު ކުރެވޭ އަދި އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ފައިސަލް އަކީ ޙަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވާ އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް ކަމަށެވެ.

މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރަނިންމޭޓުކަމަށް ޕާޓީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ނަންތައް ލިބެއެވެ. އެކަމަކު، ވަކި ބޭފުޅެއް ނިންމަވަން ވަރަށް ބޮޑަށް ދަތިފުޅުވެފައިވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަނިންމޭޓު ކަމުގެ ވާދަވެރިކަމެއް ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ވެސް އެބައޮތެވެ. އެހެންވެ، ޕާޓީގެ ވަކި ބޭފުޅަކަށް ޓިކެޓު އެރުވުމަކީ ޕާޓީގެ މަޝްރަހް ގޯސް ވެދާނެ ކަމެކެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި، ފައިސަލް އަކީ ދިވެހި ޖުމްހޫރިއްޔާގެ ތާރީޚުގައި ދައުރެއް ހަމަ ކުރައްވާ ހަމައެކަނި ނައިބު ރައީސެވެ. މީގެ ކުރިން އެއްވެސް ނައިބު ރައީސަކަށް ދައުރު ނިމެންދެން މަގާމުގައި ނުހުންނެވެއެވެ.