މާލެ އިން މ. މުލަކަށް ދިޔަ ދޯންޏަކުން މަސްތުވާތަކެތި ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އެ އަތޮޅުގައި އޮންނަ ރިސޯޓަކަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 68 ރަބަރު ޕެކެޓާ އެކު މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރީ މުލަކު އިރުމަތީގެ، ޢަބްދުލްމުއުމިން ޢަބްދުއްސައްތާރު،30، ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ މާލެ އިން މުލަކަށް ދިޔަ ދޯނި ބަނދަރު ކުރި ވަގުތު ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރި ކުރުމުން، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ބިންމައްޗަށް އެއްލާލި ސިނގިރޭޓް ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ވެސް މުލީ ޕޮލިސް ސްޓޭޝަނުން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓާ އެކު މުލަކު އިވްނިންޕެރިސް، އަލީ ޝާފިއު،20، ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ޝާފިއު ހައްޔަރު ކުރީ މ. އަތޮޅުގައި އޮންނަ ޗާޔާލެގޫން، ހަކުރާހުރާ ރިޒޯޓަށް ދިޔަ ފެރީއަކުން މިދިޔަ ބުދަ ދުވަހު މަސްތުވާތަކެތި ގެންދިޔަ ކަމުގެ މަޢުލޫމާތު ލިބިގެން، މުލަކު ޕޮލިސް ސްޓޭޝަނާއި މުލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ޗާޔާލެގޫން ހަކުރާހުރާ ރިޒޯޓުގެ މޭނޭޖްމަންޓްގެ އެހީތެރިކަމާ އެކު ހިންގި އެ އޮޕަރޭޝަނުގައި ޝާފިއުގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ޕެކެޓްތައް ފެނިފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާފާސްކުރި އިރު، އޭނާގެ އަތުގައި އޮތް ސިޓީ އުރައެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެދެ މައްސަލަ ވެސް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.