21 Jul 2023, 11:59
ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖޯޑީ އަލްބާ، އެމެރިކާގެ އިންޓަ މަޔާމީއާ ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީން ސްޕެއިން ޑިފެންޑަރު އަލްބާ ސޮއިކޮށްފައިވާކަން އިއުލާންކޮށްފައިވާ އިރު، އޭނާއާއެކު ބާސާއަށް ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަކީ ވެސް މިހާރު އިންޓަ މަޔާމީގެ ކުޅުންތެރިންނެވެ.
އިންޓަ މަޔާމީއާ އަލްބާ ގުޅިފައިވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ނަމަވެސް އޭނާގެ އެ ކޮންޓްރެކްޓު އިތުރު އެއް އަހަރު ދުވަހަށް އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބާސާއާ އަލްބާ ވަކިވެފައިވެފައިވަނީ މިދިޔަ ސީޒަނަށްފަހު އެ ކްލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމާ ގުޅިގެންނެވެ. ބާސާއާ 2012 ވަނަ އަހަރު ގުޅުނު އަލްބާ ވަނީ އެ ކްލަބާއެކު ހަ ސްޕެއިން ލަލީގާ އާއި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސްޕެއިންއާއެކު 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ.
މެސީ އާއި ބުސްކެޓްސް އަދި އަލްބާގެ އިތުރުން ބާސާއަށް ކުޅުނު އެހެން ކުޅުންތެރިންތަކެއް ހޯދުމަށް ވެސް އިންޓަ މަޔާމީން ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ އާއި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ހިމެނެއެވެ.