22 Jul 2023, 09:00
މީގެ 34 އަހަރުކުރިން ގެނެސްދިން ރީތި ލޯބީގެ ފިލްމު "މޭނޭ ޕިޔާރު ކިޔާ"ގެ ހަނދާންތައް އާކޮށްދޭނެކަހަލަ ފިލްމެއް އުފެއްދުމަށް އެ ފިލްމު ގެނެސްދިން ރާޖްޝްރީ ޕްރޮޑަކްޝަންސްއިން ނިންމައިފިއެވެ.
މިފިލްމަކީ، މިހާރުގެ ޖީލުތަކާ ގުޅޭ އެހެންނަމަވެސް "މޭނޭ ޕިޔާރު ކިޔާ"ގެ ރަހަތައް މިޒަމާނަށް ފެއްތުމަށްފަހު އުފައްދާ ފިލްމެކެވެ.
ފިލްމު "ދޯނޯ"ގެ ނަމުގައި ގެނެސްދޭ މިރީތީ ލޯބީގެ ވާހަކައިގެ ފުރަތަމަ ޓީޒާ މިމަހުގެ ޖުލައި 25ގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު ފިލްމުގެ ކާސްޓުންނާއިބެހޭ އިތުރު މަޢުލޫމާތު ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެކަމަށް ރާޖްޝްރީ ޕްރޮޑަކްޝަންސްއިންވަނީ ބުނެފައެވެ.
ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ސޫރަޖު ބަރުޖަތުޔާގެ ދަރިފުޅު އަވީނާޝް ބަރުޖަތުޔާ ޑައިރެކްޓުކުރާ މިފިލްމު ގެނެސްދޭނީ ރާޖްޝްރީ ކޮމްޕެނީސްއާއި ޖިއީ ސްޓޫޑިއޯ ގުޅިގެންނެވެ. ސަލްމާން ޚާންއާއި ފިލްމީ ތަރި ބަގިޔާޝްރީ ލީޑް ރޯލްއިން ފެނިފައިވާ "މޭނޭ ޕިޔާރު ކިޔާ"އަށް 75 އަހަރު ފުރުމާ ގުޅިގެން ރާޖްޝްރީ ކުންފުނިން ނިންމާ ސަލްމާންއާއި ބަގިޔާޝްރީ ފިލްމުގައި ދައްކުވައިދިންފަދަ މާޔޫސް ލޯބީގެ އިހުސާސް ފިލްމު "ދޯނޯ"އިންވެސް ބެލުންތެރިންނަށް ކުރުވުމެވެ.
އަވީނާޝް ބަރުޖަތުޔާ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ނުކުމެފައިވާއިރު އަވީނާޝްގެ ބައްޕަ ސޫރަޖު ބަރުޖަތުޔާއަކީ، މިހާތަނަށް ރީތި ހިންދީ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި ފިލްމު "މޭނޭ ޕިޔާރު ކިޔާ"، "ހަމް އާޕްކޭހޭ ކޯން އަދި 'ވިވާހް' ހިމެނެއެވެ. ސޫރަޖު ބަރްޖަތްޔާވަނީ "ޕްރޭމް ކީ ޝާދީ"ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމާފައެވެ.
މިފިލްމުގެ މަސައްކަތް ފެށޭނެ ދުވަހެއް އަދި އިއުލާނު ނުކުރެއެވެ. މިދިޔައަހަރު ރިލީޒްވި ސޫރަޖުގެ ފިލްމު "އޫންޗާއި"އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ.