ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތުގެ މަސައްކަތްތައް އިންޑިއާގައި ނިންމާލައިފިއެވެ.

އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ސޫރަތު ޑިސްޓްރިކްޓުގައި ބިނާ ކުރި މި އިމާރާތަކީ އަމިއްލަ ކުންފުންޏަކަށް ތައްޔާރުކޮށްފައިވާ އިމާރާތެކެވެ.

ސޫރަތަކީ ދުނިޔޭގެ "ޖަވާހިރުގެ ކެޕިޓަލް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ސީޓީއެކެވެ. ޖަވާހިރު ކަފައި ޖަވާހިރުގެ މަސައްކަތްތަކުގެ ތެރެއިން މުޅި ދުނިޔޭގެ 90 ޕަސެންޓް މަސައްކަތްތައް ކުރަނީ މިތަނުގައެވެ.

ސޫރަތުގައި ހުޅުވި އޮފީސް އިމާރާތަކީ މި މަސައްކަތްތަކަށް ޚާއްޞަ ތަނެއްގެ ގޮތުގައި ހުޅުވި އޮފީހެކެވެ. "ސޫރަތު ޑައިމަންޑް ބޯސް" އަކީ ޖަވާހިރާ ގުޅޭ ހުރިހާ ކަމެއް އެއް ތަނަކުން ކޮށްލެވޭނެ ތަނެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.

ސޫރަތުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތުގެ އެތެރެ --

މި އޮފީހުގައި ޖަވާހިރާ ގުޅޭ އެކި ދާއިރާތަކުގެ 65،000 މާހިރުން މަސައްކަތް ކުރާނެއެވެ. އޭގެ ތެރޭގައި ޖަވާހިރު ކަފާ މީހުންތަކުން ފެށިގެން އެ ޕޮލިޝް ކުރާ މީހުން އަދި ވިޔަފާރި ކުރާ މީހުން ހިމެނޭނެއެވެ.

މި އިމާރާތަކީ 15 ބުރީގެ ނުވަ ކޮމްޕްލެކްސް ހިމެނޭ އިމާރާތެކެވެ. މި ހުރިހާ ކޮމްޕެލްކްސްއެއް އެއްކޮށް ގުޅުވާލެވިފައިވަނީ ތަފާތު ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ "މައިބަދަ"އަކާ އެކުގައެވެ.

މި އިމާރާތް ބިނާކޮށްފައިވަނީ 35 އޭކަރުގެ ބިމެއްގައެވެ. މުޅި އިމާރާތުގައި 7.1 މިލިއަން އަކަފޫޓުގެ ފްލޯ ސްޕޭސް ހިމެނެއެވެ. އެއާއެކު މި އިމާރާތް ވެފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތަށެވެ. މީގެ ކުރީން އެންމެ ބޮޑު އޮފީސް އިމާރާތެއްގެ ގޮތުގައި ރެކޯޑް ފޮތުގައި އޮތީ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ހެޑް އޮފީސް ކަމަށްވާ ޕެންޓަގަން އިމާރާތުގައެވެ.

ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތް --

އެ އޮފީހުގެ މަސައްކަތްތަކަށް 388 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. ޖުމްލަ 131 ލިފްޓު ހުންނަ މި އިމާރާތުގެ އެކި ސަރަހައްދުތަކުގައި ފިހާރަތަކާއި ރެސްޓޯރެންޓްތައް ވެސް ހިމެނޭނެއެވެ.

ސޫރަތު އޮފީސް އިމާރާތުގެ މަސައްކަތްތައް އޭޕްރިލް މަހުގެ ތެރޭގައި ނިންމާލާފައިވާއިރު އެ ތަނުގައި ދާދިފަހުން ވަނީ މަޑުމަޑުން މަސައްކަތްތައް ފަށާފައެވެ. ނަމަވެސް މިތަން އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ. ނަމަވެސް މިއަހަރުގެ ފަހުކޮޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.