22 Jul 2023, 10:38
ޑީސީގެ ސުޕަހީރޯ "އަކުއާމޭން"ގެ ދެވަނަ ފިލްމު ރިލީޒް ކުރަން ކައިރިވަމުން ދާއިރު ވެސް ފިލްމުގެ އެތައް ރީޝޫޓްތަކެއް ކުރަމުން އަންނަކަން ހާމަވެއްޖެއެވެ.
ޑީސީއިން މަސައްކަތް ކުރަމުން އަންނަނީ ޖޭސަން މަމޮއާ ލީޑުން ފެންނަ އާކުއާމޭންގެ ދެވަނަ ފިލްމު "އާކުއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" ނެރުމަށެވެ. މިއީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.
ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ޑަބްލިއުބީއިން ފިލްމާ ގުޅޭގޮތުން އަދިވެސް އެއްވެސް ކަހަލަ ޓީޒަރެއް ނުވަތަ ފަސްޓް ލުކްއެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. އެއާއެކު ފޭނުން ތިބީ ފިލްމަށް ވާ ނުވާ ގޮތެއް ނޭނގިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ ބައެއް މަންޒަރުތައް ކަމު ނުގޮސްގެން މިހާރު ވަނީ ތިން ފަހަރެއްގެ މަތީން ރީޝޫޓްތައް ކުރިއަށް ގެންގޮސްފައެވެ. މިދިޔަ މަހުގެ ތެރޭގައި ރީޝޫޓްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ފިލްމުގެ ޕްލޮޓަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު އަނެއްކާ ވެސް ފިލްމުގެ ރީޝޫޓްތަކެއް ފަށައިގެން ކުރިއަށްދަނީއެވެ. ރީޝޫޓްތައް ކުރިއަށް ދަނީ ނިއުޒީލެންޑްގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ ރީޝޫޓްތައް ކުރިއަށް ދަނީ ބައެއް ކެރެކްޓަރުތައް ފިލްމުން ނެގުމަށް ބޭނުންވާތީއެވެ. އަދި ޑީސީގެ މުސްތަގުބަލަށް ވެސް ބަދަލުތަކެއް ގެންނާތީ ފިލްމަށް ވެސް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ބެލެވެއެވެ.
ޖޭމްސް ވާން ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ނެރުނު އާކުއާމޭން ވެގެން ދިޔައީ ޑީސީއަށް ބޮޑު ހިޓަކަށެވެ. ކްރިޓީކުންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދި ފިލްމު ވަނީ ބޮކްސް އޮފީހުގައި ވެސް 1.1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ. މިއީ ޑަބްލިއުބީ އިން ލަފާކުރި މިންވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ.