އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ޓާޓާ ގްރޫޕުން އިނގިރޭސިވިލާތުގައި ބެޓެރީ ސެލް ގިގަފެކްޓަރީއެއް ގާއިމުކުރަން ނިންމައިފިއެވެ.

ޓާޓާ ސަންސްގެ ޗެއާމަން އެން ޗަންދުރަސޭކަރަން ވިދާޅުވީ ޓާޓާ ގްރޫޕުން ޔޫރަޕްގެ އެންމެ ބޮޑު އެއް ބެޓެރީ ސެލް އުފައްދާ ފެސިލިޓީ އިނގިރޭސިވިލާތުގައި ގާއިމުކުރާނެކަން އިއުލާނު ކުރުމުން ވަރަށް އުފާވާ ކަމަށާއި އެ ގްރޫޕަކީ އެ ކުންފުނީގެ ވިޔަފާރިތަކުގައި ދެމެހެއްޓެނިވި މުސްތަގުބަލެއް ގާއިމުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ގްރޫޕެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަލްޓި ބިލިއަން ޕައުންޑްގެ އިންވެސްޓްމަންޓުގެ ސަބަބުން އެންމެ ޒަމާނީ ޓެކްނޮލޮޖީ ގައުމަށް ގެނެސް، އޮޓޯމޯޓިވް ސެކްޓާ އިލެކްޓްރިކް މޮބިލިޓީއަށް ބަދަލުވުމަށް ބާރު އެޅުމަށް މަގުފަހިވެގެންދާނެ،" ޗެއާމަން ވިދާޅުވިއެވެ.

މި އިންވެސްޓްމަންޓުގެ ބޮޑުމިން ޓާޓާއިން މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް، އިނގިރޭސި ވިލާތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އެއީ ހަތަރު ބިލިއަން ޕައުންޑް (ހަތަރު ބިލިއަން ޕައުންޑަށް ވުރެ ގިނަ ޕައުންޑް) ކަމަށް ބުނެފައެވެ.

މި ގިގަފެކްޓަރީގެ ވެގެންދާނީ ޔޫރަޕްގެ އެންމެ ބޮޑު އެއް ގިގަފެކްޓަރީގެ އިތުރުން 4،000 އަށް ވުރެ ގިނަ ހުނަރުވެރި ވަޒީފާ އުފެދިގެންދާނެ ފެކްޓްރީއަކަށެވެ. އަދި, ބެޓެރީ މެޓީރިއަލްސް އާއި ކްރިޓިކަލް ރޯ މިނަރަލްސްއަށް ބޭނުންވާ ފުޅާ ސަޕްލައި ޗެއިންގައި އިތުރު އެތައް ހާސް ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވީ އިންޑިއާއިން ބޭރުގައި ޓާޓާ ގްރޫޕްގެ ފުރަތަމަ ގިގާފެކްޓަރީގެ ގާއިމް ކުރާނެ ތަނެއްގެ ގޮތުގައި އިނގިރޭސިވިލާތް ހޮވުކަމީ ވަރަށް ފަޚުރުވެރިވާނެ ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒީރޯ އެމިޝަން ވެހިކަލްތަކަށް ބަދަލުވުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާއިރު، މި ކަމުގެ ސަބަބުން ބެޓެރީ ޓެކްނޮލޮޖީގެ ރޮނގުން ހީނުކުރާވަރުގެ ބޮޑު ކުރިއެރުން ހޯދޭނެ ކަމަށެވެ. އަދި، މި ފެކްޓްރީއާއި ގުޅިގެން އިތުރު 4،000 ވަޒީފާ އާއި ސަޕްލައި ޗެއިންގައި އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ޓާޓާ ގްރޫޕުން އިނގިރޭސިވިލާތުގެ އާ ބެޓެރީ ފެކްޓްރީއަކަށް އެތައް ބިލިއަން ޕައުންޑުގެ އިންވެސްޓްމަންޓެއް ކުރުމަކީ ކާރު އުފެއްދުމުގެ ސިނާއަތާއި އެ ކުންފުނީގެ ހުނަރުވެރި މަސައްކަތްތެރިންގެ ވަރުގަދަކަމުގެ ހެއްކެއް،" އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ބުނީ އާ ގިގާފެކްޓަރީގެ ޕްރޮޑަކްޝަން 2026 ވަނަ އަހަރު ބާޒާރަށް ނެރެން ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ޓާޓާ ސަންސްއަށް ސަރުކާރުން ދޭ އެހީތެރިކަމުގެ ތަފުސީލު، އަޅުގަނޑުމެންގެ ރެގިއުލާ ޓްރާންސްޕޭރެންސީ ޑޭޓާގެ ދަށުން ވަރަށް އަވަހަށް ޝާއިއު ކުރާނެ،" އެ ބަޔާނުގައި ވެއެވެ.

ޓާޓާ ގްރޫޕުން މިހާރު ވެސް އިނގިރޭސިވިލާތުގައި ދަނީ ޓެކްނޮލޮޖީ، ކޮންސިއުމަރު، ހޮސްޕިޓާލިޓީ، ސްޓީލް، ކެމިކަލް އަދި އޮޓޯމޯޓިވްގެ ދާއިރާއިން ހަރަކާތްތެރިވަމުންނެވެ.

އިނގިރޭސިވިލާތުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެކްސް އެލިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި މިއީ އިންޑިއާ އާއި އިނގިރޭސިވިލާތުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.