04 May 2012, 13:20
ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގަބޫލު ނުކުރާ މުއައްސަސާތަކެއް ހުރުމަށް ގާނޫނު އަސާސީ ތަންނުދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި ހަނިމާދޫ ރައްޔިތުންނާ ރައީސް ރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ސަރުކާރު ގަބޫލު ނުކުރާ މަދުބަޔަކު އުޅޭކަން އެއީ ހިތާމަކުރައްވާ ކަމެއް ކަމަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގަބޫލުނުކުރާ މުއައްސަސާތަކެއް ހުންނާން ރާއްޖޭގެ ގާނޫނު އަސާސީ ތަންނުދޭ ކަމަށެވެ. އަދި އެކަން ބައެއް ކައުންސިލަރުންނާއި ކައުންސިލުތަކުން މިހާރު ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.
ދައުލަތުން ރައްޔިތުންނަށް ލިބިދޭން ޖެހޭ ޚިދުމަތްތައް ލިބިދިނުމުގައި ކައުންސިލްތަކުގެ މެންބަރުންނަކީ ވަރަށް މުހިންމު ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކައުންސިލްތައް މެދުވެރިކޮށްގެން ދޭން ޖެހޭ ކިތަންމެ ޚިދުމަތްތަކެއް އެބަހުރި ކަމަށާއި އެ ޚިދުމަތްތައް ދެވޭނީ، ރަށްރަށުގެ ކައުންސިލް މެންބަރުންނާއި ކައުންސިލްތަކުން ސަރުކާރުގެ އެކި މުއައްސަސާތަކާއި ވުޒާރާތަކާއި އަދި ރައީސުލްޖުމްހޫރިއްޔާއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވައިގެން ކަމަށެވެ.
އަދި ރަށްރަށުގައި ތިބި ވަކި ޕާޓީއެއްގެ މީހުން އެކަހެރިކޮށްގެން ކަންތައްތައް ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެއްވެސް ޕާޓީއަކަށް، އެއްވެސް ކުލައަކަށް، އެއްވެސް ރަށަކަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުން ހަމަހަމަވާ ގޮތަށް ދައުލަތުން ދޭން ޖެހޭ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓިތައް އެކުލެވޭ އެއްބައިވަންތަ ސަރުކާރެއް އުފެއްދެވުމަށް ކަމަށާއި ސަރުކާރު އެކުލަވާލީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޮޑެތި ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކައިގެން ކަމަށެވެ. އަދި ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު އެމްޑީޕީ އަށް ވެސް ދެއްވި ކަމަށާއި ނަމަވެސް އެކަމަށް އިޖާބައެއް ލިބިފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕާޓީތަކާ އެކު އުފެއްދެވި ސަރުކާރާ އެކު ރާއްޖޭގެ ކަންކަން ވަރަށް އޮމާންކަމާ އެކު ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ރޭ ވިދާޅުވީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އާސަންދައިގެ ނިޒާމު ހިންގަވަން ބޭނުންފުޅުނުވާ ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާ ހުރި ގޮތަކަށް އެ ނިޒާމު ބައްޓަން ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.