20 Jul 2023, 21:11
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުން ޖުމްހޫރީ މައިދާނުގައި މިއަދު ކުރަމުންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރިކަން ފުލުހުން މަޖިލީހަށް އަންގައިފިއެވެ.
ޖުމްހޫރި މައިދާނުގައި އިހުތިޖާޖުކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަޖިލީހުގެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުއެވެ.
މަޖިލީހަށް އެކަން މިރޭ އެންގިކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަރުޖަމާނު ހަސަން ޒިޔާއު 'ސަން' ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. ޒިޔާއު ވިދާޅުވީ އިތުރު ފިޔަޅެއް އަޅާނަމަ ވެސް ފުލުހުން އެކަން މަޖިލީހަށް އަންގާނެ ކަމަށެވެ.
އޭގެ އިތުރުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މާލެ ސިޓީ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި މާލެ ސިޓީ ކައުންސިލަރު އަދި ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު އައިފާން އާއި ބައެއް އާންމު މެމްބަރުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

އިދިކޮޅު މެމްބަރުން ޖުމްހޫރީ މައިދާނުގައި ތިއްބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ--
މިކަމާއި ގުޅިގެން ފުލުހުން ބުނީ އެ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެއްވެ އުޅުން މަނާ ސަރަޙައްދަކަށް އެއްވެ މުޒާހަރާކޮށް އަދި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ މިވަގުތު ބަލަމުން އަންނަ ކަމަށެވެ.
އިދިކޮޅު ޕީޕީއެމުން ވަނީ އެ ޕާޓީގެ މެމްބަރުން ހައްޔަރުކުރުން ކުށްވެރިކޮށްފައެވެ.
އެގޮތުން އެ ޕާޓީން ކުރި ޓްވީޓެއްގައި ވަނީ ހައްޔަރު ކުރި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ދޫކޮށްލުމަށް ގޮވައިލާފައެވެ. އަދި އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ހޯދައިދިނުމާއި ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
"ސަރުކާރުގެ އަނިޔާވެރި މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށާއި، ދިވެހީންގެ ރިޔާސީ ކެންޑިޑޭޓްގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ އެންމެހާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާ ލުމަށް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލަން." ޕީޕީއެމްއިން ބުންޏެވެ.
ޕީޕީއެމްއިން ބުނީ މިއަދު އެކަން ހިނގައިދިޔަ ވަގުތު ކަނބަލެއްގެ ފަޔަށް ފުލުހެއްގެ އެންކަލުން އަރައި ޒަހަމްވުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އަދި ފުލުހެއްގެ ކިބައިން ދިވެހި ކަނބަލަކަށް މިވަރުގެ އަނިޔާއެއް ލިބުނުއިރު ފުލުހުންގެ އެއްވެސް އަޅާލުމެއް ނުލިބުނު ކަމީ ހިތާމަހުރި ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.