20 Jul 2023, 18:58
ޖޮހަނަސްބާގް (120 ޖުލައި 2023) : އަންނަ އޮގަސްޓް މަހު ދެކުނު އެފްރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ޖަމާއަތުގެ އިސްވެރިންގެ ސަމިޓްގައި ރަޝިއާގެ ރައީސް ވްލަޑަމީރް ޕޫޓިން ބައިވެރިވެވަޑައިގަންނަވާނީ އޮންލައިންކޮށް (ވާޗުއަލްކޮށް) ކަމަށް ދެކުނު އެފްރިކާއިން ބުނެފިއެވެ.
މިކަމާ ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވީ މިގޮތަށް ހަމަޖައްސަން ޖެހުނީ އޭނާ އާއި ރަޝިއާގެ ރައީސް ޕޫޓިން މިމައްސަލާގައި ވަރަށް ގާތުން އަދި ވަރަށް ފުންކޮށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
ރަމަފޯސާ ވިދާޅުވިގޮތުގައި ރަޝިއާގެ ފަރާތުން ބްރިކްސް ސަމިޓްގައި ސަމިޓް ބާއްވާ ތަނަށް ވަޑައިގެން ބައިވެރިވެ ވަޑައިގަންނަވާނީ ރަޝިއާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯފްއެވެ. ނަމަވެސް ސަމިޓްގެ ހުރިހާ ކަމެއްގައި އޮންލައިންކޮށް ޕޫޓިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އޮންލައިންކޮށް ޚިތާބެއް ވެސް ދެއްވާނެއެވެ.
ބްރިކްސް ޖަމާއަތުގެ އިސްވެރިންގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 22 އިން 23 އަށް ދެކުނު އެފްރިކާގެ ޖޮހަނަސްބާގް ގައެވެ.
ދެކުނު އެފްރިކާގައި ބާއްވާ ބްރިކްސް ސަމިޓަށް ޕޫޓިން ހާޒިރުވެ ވަޑައިނުގަތުމަށް ނިންމެވީ ޔޫކްރޭނަށް ނިސްބަތްވާ ކުޑަކުދިންތަކެއް ރަޝިއާ ސަރުކާރުން ޔުކްރެއިންގެ ކުޑަކުދިންތަކެއް ރަޝިއާއަށް ގެންގޮސް ރަޝިއާގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި އެކުދިން ބޭތިއްބި މައްސަލައިގައެވެ.
ރަޝިއާގެ މި އަމަލަކީ އިންސާނީ ހައްގުތަކާ ޚިލާފު ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނިންމައި އެކޯޓުންވަނީ ޕޫޓިން އާއި ރަޝިއާގެ ބައެއް މަސްއޫލުވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ.
މިއީ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އިސްތިއުމާރީ ބާރުތައް އަޑީގައި ތިބެގެން އެބާރުތަކުގެ ނުފޫޒުގައި ނެރުނު އަމުރެއް ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.
ދެކުނު އެފްރިކާގެ ރައީސް ސައިރަލް ރަމަޕޯސާ ދާދިފަހުން ވަނީ ޕޫޓިން ދެކުނު އެފްރިކާއަށް ވަޑައިގަތުމުން އޭނާ ހައްޔަރުކުރުމަކީ ރަޝިއާއާއެކު ސީދާ ހަނގުރާމައަކަށް ދާންޖެހޭނެ ކަމެއްކަމަށް ވިދާޅުވެ އެކަން ދެކުނު އެފްރިކާއިން ނުކުރާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ސަރުކާރު ލަދުގަންނަވާލުމަށްޓަކައި ދެކުނު އެފްރިކާގެ އިދިކޮޅުން ވަނީ ޕޫޓިން ހައްޔަރުކުރުމަށް "އައިސީސީ" އިން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް އެ ގައުމުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްފައެވެ.
މި ހާލަތުގައި ދެކުނު އެފްރިކާގެ ސަރުކާރަށް އެންމެ ލުއިގޮތަކަށް ވާނީ ޕޫޓިން އެ ގައުމަށް ވަޑައިނުގަތުން ކަމަށް ޕޫޓިން ދެކެވަޑައިގަންނަވާތީ ޕޫޓިން އެގޮތަށް ނިންމެވީކަމަށް ދެކުނު އެފްރިކާ އާއި ރަޝިއާގެ ނޫސްތައް ބުނެއެވެ.
ރަޝިއާއަކީ ދެކުނު އެފްރިކާއާ ވަރަށް ގުޅުންތައް ބަދަހި ގައުމެކެވެ. ދެކުނު އެފްރިކާގައި ހުޅަނގުގެ ދޮންމީހުން ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި ލާއިންސާނީ ވެރިކަން ކުރަމުންގެންދިޔަ ދުވަސްވަރު އެމެރިކާއާއި ޔޫރަޕުން ނަސްލީ އިމްތިޔާޒު ގެންގުޅުނު ދޮންމީހުންގެ ސަރުކާރަށް އިންތިހާއަށް އެހީތެރިވަމުން ގެންދިޔައިރު މިހާރުގެ ރަޝިއާ ހިމެނޭ އޭރުގެ ސޮވިއެޓް ޔުނިޔަން އިން ގެންދިޔައީ ނަސްލީ އިމްތިޔާޒުގެ ވަކިތަކުން މިނިވަންވުމަށް ދެކުނު އެފްރިކާގެ އަޣްލަބިއްޔަތު ކަމަށްވާ ކަޅުނަސްލުމުގެ މީހުންނަށް (ނެލްސަން މަންޑޭލާގެ މިނިވަންކަމުގެ ޖިހާދަށް) އިންތިހާއަށް އެހީތެރިވަމުންނެވެ.
ދެކުނު އެފްރިކާގެ ވެރިކަމުގައި ތިއްބެވީ އޭރުގެ ނަސްލީ އިމްތިޔާޒުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި ބޭފުޅުންނެވެ. އެހެންކަމުން ރަޝިއާގެ މި ހެޔޮކަމުގެ މަތިން އެ ބޭފުޅުން އެއްވެސް ވަރަކަށް ހަނދާން ނައްތައެއް ނުލައްވައެވެ. ދެކުނު އެފްރިކާގެ ވެރިންނާއި ރައްޔިތުންގެ ހިތްތަކުގައި ރަޝިއާއަށް ދެވިފައިވާ "ސޮފްޓް ކޯނާ"ގެ ހަގީގަތަކީ އަދި އަސްލަކީ މިއެވެ.