ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރީރެޖިސްޓާ ވާން ހުޅުވާލިތާ ތިން ދުވަސް ތެރޭ 1321 ފޯމް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވީ، މީގެ ތެރެއިން 136 ފޯމަކީ ކަރުދާސް ފޯމުގެ ގޮތުގައި ހުށަހެޅި ފޯމުކަމަށެވެ. އަދި ބާކީ 1185 ފޯމު ހުށަހަޅާފައި ވަނީ އޮންލައިންކޮށެވެ.

މި ފޯމުތަކުގެ ތެރެއިން، 300 އެއްހާ ފޯމު ބަލައިނުގަނެ ރިޖެކްޓްކޮށްފައިވެއެވެ. ހަބީބް ވިދާޅުވީ މީގެ ތެރެއިން ގިނަ ފޯމުތައް ރިޖެކްޓްކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރެޖިސްޓާވެފައި ވާ މީހުން އަލުން ފޯމު ހުށަހަޅާފައި ވާތީ ކަމަށެވެ.

"އަދި ދުވަސް ހަމަވެފައިވާ އައިޑީކާޑާ އެކީ ބައެއް މީހުން ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައި ވޭ. އޭރުން ވެސް ފޯމު ރިޖެކްޓް ވާނީ،" ހަބީބް ވިދާޅުވިއެވެ.

ފޯމުތައް ބަލައިގަންނަ ވަރަކުން ރީރެޖިސްޓާވި މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާންމު ކުރާނެކަމަށް ހަބީބް ވިދާޅުވިއެވެ.

ރީރެޖިސްޓްރޭޝަނަށް މާބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކޮށް ހަބީބް ވަނީ، އެންމެ ފަހު ވަގުތައް މަޑުނުކޮށް ވީއެންމެ އަވަހަކަށް ރީރެޖިސްޓާ ވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އާންމު ގޮތެއްގައި ރިޔާސީ އިންތިޚާބަށް 8000އެއްހާ މީހުން ރީރެޖިސްޓާ ވިނަމަވެސް އެ އަދަދު މިއަހަރު އިތުރުވާނޭ ކަމަށް ލަފާކުރެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

މިއަހަރުގެ އިންތިޚާބަށް އޮންލައިންކޮށް ރީރެޖިސްޓާ ވުމުގެ އިންތިޒާމް އީސީން ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މިއަހަރު އެ އިންތިޒާމް ހަމަޖައްސާދެވިފައި ނުވާކަމަށް އީސީގެ ރައީސް ފުވާދް ތައުފީގް މީގެ ކުރިން ވިދާޅުވިއެވެ.

މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް، ރީރެޖިސްޓްރޭޝަނަށް ފަހު މި އަދަދަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.