20 Jul 2023, 22:02
ނައިބު ރައީސް ފައިޞަލް ނަސީމުގެ ހަޔާތުގެ ތަފުސީލީ ވާހަކަތައް ލިޔެފައިވާ ބަޔޮގްރަފީ ފޮތެއް މިރޭ ނެރެފިއެވެ.
ފައިޞަލްގެ އުމުރުފުޅުން 50 އަހަރު ފުރުން ފާހަގަ ކުރުމަށް ޣިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ހަފުލާއެއްގައި މި ފޮތް ނެރެދެއްވީ، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޒާހިރު ޙުސައިނެވެ. އެ މަނިކުފާނުގެ ހަޔާތުގެ މައްޗަށް މި ބްޔޮގްރަފީ ލިޔުއްވީ، ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަދި ލިޔުންތެރިޔާ އަޙްމަދު ސާއިލު ޢަލީއެވެ.
މިއީ، ރާއްޖޭގެ ނައިބު ރައީސެއްގެ ބަޔޮގްރަފީއެއް ލިޔުއްވި ފުރަތަމަ ފަހަރެވެ.
މި ފޮތާ ގުޅޭ ގޮތުން ސާއިލު ވިދާޅުވީ ނައިބު ރައީސްގެ ހަޔާތުގެ ވާހަކަތައް ވަރަށް ޝައުގުވެރި ކަމަށެވެ. އަދި، އެ މަނިކުފާނުގެ ހަޔާތުން ގިނަ އިބުރަތްތަކެއް ލިބިދޭ ކަމަށާއި ފައިޞަލް ނައިބު ރައީސްކަމާ ހަމައަށް ވަޑައިގަތީ ވެސް ވަރަށް ޝައުގުވެރި މަގަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޮގްރަފީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އެ ހުރިހާ ތަފުސީލެއް މި ފޮތުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަ މީހުންގެ ތެރޭގައި އިޖުތިމާއީ ދާއިރާއަށް މިހާ ޚިދުމަތް ކުރައްވާފައިވާ އެހެން ބޭފުޅެއް ނެތް. ފައިޞަލަކީ ތުއްޕުޅުއިރު ވެސް ވަރަށް ތަފާތު ބޭފުޅެއް. އޭރުވެސް ލީޑާޝިޕް ދެއްކެވި. މިއަދާ ހަމައަށް ވަޑައިގަތީ ވަރަށް ވެސް ބުރަ މަސައްކަތުން. ކާމިޔާބު މީހަކަށް ވުމަށް ފައިޞަލްގެ ހަޔާތުން ގިނަ އިބުރަތްތަކެއް ހޯދޭނެ. އެ ހުރިހާ ތަފުސީލެއް ފޮތުގައި ވާނެ،" ސާއިލު ވިދާޅުވިއެވެ.
ފައިޞަލް އިޖުތިމާއީ ހަރަކާތްތައް ފެއްޓެވީ އެންމެ 12 އަހަރުގައި ފުޓްބޯޅަ މުބާރާތަކުންނެވެ. އޭގެ ފަހުން އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ވަރަށް ފުޅާކޮށް ހިންގެވިއެވެ. އަދި، ފައިޞަލްގެ އުމުރުފުޅުން 20 އަހަރުގައި ޕެރަޑައިސް އައިލެންޑް ރިސޯޓްގެ މެނޭޖަރުކަން ކުރައްވާފައިވާއިރު، މިހާތަނަށް ދިވެއްސެއް އެފެންވަރުގެ ރިސޯޓެއްގައި އެ ވަރުގެ މަގާމެއް ފުރުއްވާފައެއް ނެތެވެ.
އާ ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރު ކަމާއި ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ފައިޞަލް ކުރެއްވިއެވެ. އޭގެ ފަހުން މިހާރު ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނަކީ ރާއްޖޭގެ ތާރީޚުގައި އެ މަގާމު މިހާ ދިގު މުއްދަތަކަށް އަދާ ކުރެއްވި ހަމައެކަނި ބޭފުޅާއެވެ. ގިނަ ބަޔަކު އެމަނިކުފާނު ސިފަ ކުރައްވަނީ ވަފާތެރި ނައިބު ރައީސްގެ ގޮތުގައެވެ.
ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޮގްރަފީ ލިޔުއްވި ސަންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ސާއިލު ވިދާޅުވި ގޮތުގައި މި ބަޔޮގްރަފީގައި ފައިޞަލް ތުއްޕުޅުއިރުން ފެށިގެން މިހާ ހިސާބަށް ވަޑައިގެންނެވި ގޮތް ވަރަށް ތަފުސީލީ ގޮތެއްގައި ލިޔެފައި ވާނެއެވެ. އޭގެ ތެރޭގައި މީގެ ކުރިން އާއްމުންނާ ފައިޞަލް ހިއްސާ ނުކުރައްވާ އެތައް ވާހަކަތަކެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޚާއްޞަ އިންޓަވިއޫއެއް ދެއްވާފައެވެ. އެ އިންޓަވިއޫގައި ރައީސް ވިދާޅުވީ ފައިޞަލަކީ ކަންކަން ނިންމެވުމުގައި، ބަޔަކު ބުނާހާ ގޮތަކަށް އެއްބަސްވުމުގެ ބަދަލުގައި، އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަޞްލަޙަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.
"ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާ ތެދުވެރިކަމާއެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފައިޞަލަކީ ރަޙްމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް ކަމަށެވެ. އަދި، ފައިޞަލަކީ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ފޮތް ނޮވެލްޓީ ބުކްޝޮޕްއިން ލިބެން ހުންނާނެއެވެ. އަދި، 7671191 ގުޅާލުމުން/މެސެޖް ކުރުމުން ޑެލިވެރީ ކޮށްދޭނެއެވެ.